ޚަބަރު
"މީޑިއާ މައުރަޒު 2025" ރަސްމީކޮށް ފަށައިފި
މީޑިއާ މައުރަޒު ހުޅުވުން
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބާއްވާ "މީޑިއާ މައުރަޒު 2025" ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒު އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިފަދަ މައުރަޒެއް ބާއްވާ ދެވަނަ ފަހަރެވެ.
މި މައުރަޒަކީ އިސްލާމިކް ސްޓޫޑިއޯއިން އިސްވެ، ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާ ގުޅިގެން ބާއްވާ މައުރަޒެކެވެ. މައުރަޒުގެ މައިގަނޑު ބޭނުމަކީ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކުގެ އިތުރުން، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކަށާއި އާއްމުންނަށް ފޯރުކޮށްދިނުމެވެ. މި މައުރަޒުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ 9 ސެކްޝަނަކުން ފާއިތުވި 2 އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ވަނީ ދައްކާލާފައެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ވުޒާރާއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ، ކުރާ މަސައްކަތްތައް މުޖްތަމައުއަށް ފެނި، ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި، މީޑިއާ މައުރަޒުގެ ބޭނުމަކީވެސް އެއީ ކަމަށެވެ.
"މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ހަޤީގަތުގައިވެސް ވަރަށް މުހިންމު ކަމެއް. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮއްފައި." ޑރ. ޝަހީމް ވިދާޅުވިއެވެ.
މި މައުރަޒު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މައުރަޒު ހުޅުވާފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް، އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަކުން ހަވީރު 6:00 އަށެވެ. މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޝެއިހުންނާއި ވަގުތުން ސުވާލުކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން މައުރަޒުގެ ތެރެއިން ޒުވާން ޚަތީބުންގެ 5 ވަނަ ބުރަށް ނަން ނޯޓުކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. ޒުވާން ޚަތީބުންގެ 5 ވަނަ ބުރު އޮންނާނީ އަންނަ އަހަރުއެވެ. ފާއިތުވި 2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.