ކުޅިވަރު

މެސީ ބުނީ ރެކޯޑުތަކުގެ ވާހަކައަކީ އޭނާ އެހާ ގަޔާވާ ވާހަކަތަކެއް ނޫން ކަމަށް

މެސީ ބުނީ ރެކޯޑުތަކުގެ ވާހަކައަކީ އޭނާ އެހާ ގަޔާވާ ވާހަކަތަކެއް ނޫން ކަމަށް

ލިއޮނެލް މެސީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ޑިސެމްބަރު 2025، 07:45

05 ޑިސެމްބަރު 2025، 07:45

ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކަ އާއި ރެކޯޑުތަކުގެ ވާހަކަ ދެއްކުމަކީ އެހާ ގަޔާވާ ކަމެއް ނޫންކަމަށް، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.

ބުރާސްފަތި ދުވަހު އީއެސްޕީއެންއަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ، ރެކޯޑުތަކާއި، ޓްރޮފީތަކުގެ ވާހަކަ ދެއްކުމަކީ އޭނާއަށް އިތުރު ރޫހެއް ގެނުވާކަމެއް ނޫންކަމަށެވެ. 

މިއަދު ވަރަށް ގިނަ ބަޔަކު ތަފާސްހިސާބަށް ބަލައިގެން އެބަ ވާހަކަ ދައްކާ. ނަމަވެސް އެއީ އަހަރެން އެހާ ގަޔާވާ ކަންކަމެއް ނޫން. އަހަރެން ޤަބޫލުކުރާ ގޮތުގައި ގޯލު ޖެހުމާއި، އެސިސްޓު ހަދަންވީ ވަކި މީހެއްގެ ރެކޯޑު މުގުރާލުމަށް، ނުވަތަ ވަކި އަދަދެއް ހަމަކުރާކަށް ނޫން. އަހަރެން އެކަން ކުރަނީ ކުޅިވަރަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުންނާއި ކާމިޔާބު ހޯދުމަށް. އަހަރެން ތަފާސްހިސާބަށް ސަމާލުކަމެއް ނުދެން.

އީއެސްޕީއެންއަށް ދިން އިންޓަވިއުގައި މެސީ ބުންޏެވެ.

މެސީ އިތުރަށް ބުނީ، އޭނާއަށް ފުޓުބޯޅައިގައި ޖެހުނު ގޯލުތަކާއި ހާސިލް ކުރެވުނު ކަންކަމަކީ އެ ކަންކަން އެ ގޮތަށް ވާން އޮތުމުން ހާސިލްވި ކަންކަން ކަމަށާއި، އެއީ އޭނާ ސީދާ އެކަން ހާސިލްކުރުމަށް މަސައްކަތްކޮށްގެން ކާމިޔާބުކުރެވުނު ކަންކަން ނޫންކަމަށެވެ. 

މެސީ މިހެން ބުނިއިރު، މިދިޔަ މަހު ޕިއާރސް މޯރގަންގެ ޕޮޑްކާސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައި ވަނީ، ޕޯޗުގަލްއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަކީ އޭނާގެ ހަމައެކަނި ހުވަފެނެއް ނޫންކަމަށާއި، އެކަން ހާސިލްކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. މީގެ އިތުރުން ރޮނާލްޑޯ ބުނީ، ވޯލްޑް ކަޕް ފަދަ މުބާރާތެއް ކާމިޔާބު ކުރެވިފައި އޮތުމަކީ އަދި ދުނިޔެ ދެކުނު އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ދޭންޖެހޭ ސަބަބެއް ނޫން ކަމަށާއި، އެއީ އެ ފަދަ މުބާރާތްތަކުގައި ކުޅޭ މެޗުތަކުގެ އަދަދު މަދުވުމުން ކަމަށެވެ. 

އެހެންކަމުން، ބެލެވޭ ގޮތުގައި މެސީ ދީފައި މިވަނީ ރޮނާލްޑޯގެ މި ބުނުމަށް ރައްދެކެވެ. 

އެންމެ ފަހުން ޤަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ވަނީ އާޖެންޓީނާއެވެ. އަދި މެސީ ބުނެފައި ވަނީ ތަށި ދިފާއުކުރުމަށް ނިކުންނަ އާޖެންޓީނާ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ ވަރަށް ނޭނުންވާ ކަމެއް ކަމަށެވެ. 

އެގޮތުން މެސީއަށް މިއަންނަ އަހަރު އޮންނަ މުބާރާތް ކުޅެވޭނަމަ، އެ މުބާރާތް ވެގެން ދާނީ ރޮނާލްޑޯ އާއި މެސީ ކުޅޭ 6ވަނަ ވޯލްޑް ކަޕަށެވެ. އަދި މިވީހާތަނަށް 6 ވޯލްޑް ކަޕްގައި އެއްވެސް ކުޅުންތެރިއަކު ކުޅެފައެއް ނުވެއެވެ. އެހެންކަމުން މި ދެ ކުޅުންތެރިންނަށް އެ ވޯލްޑް ކަޕް ވާނީ އެތައް ގޮތަކުން ޚާއްޞަ މުބާރާތަކަށެވެ.

މި ދެ ކުޅުންތެރިންގެ ތަފާސްހިސާބަށް ބަލާއިރު، ފުޓުބޯޅައިގެ ތާރީޙުގައި އެންމެ ގިނަ ޓްރޮފީ (47) ހާސިލްކޮށް އެންމެ ގިނަ އެސިސްޓު (405) ހަދާފައި ވަނީ މެސީއެވެ. ނަމަވެސް 954 ގޯލާއެކު މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާގެ ޝަރަފު އޮތީ ރޮނާލްޑޯގެ އަތުގައެވެ. މިހާތަނަށް މެސީ ޖަހާފައި ވަނީ 896 ގޯލެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން