Ads by Stelco

ޚަބަރު

ޙައްޖަށް މީހުން ގެންދިޔުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެ: ޙައްޖު ކޯޕަރޭޝަން

ޙައްޖަށް މީހުން ގެންދިޔުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެ: ޙައްޖު ކޯޕަރޭޝަން

ދިވެހި ޙައްޖުވެރިންތަކެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ޑިސެމްބަރު 2025، 11:02

06 ޑިސެމްބަރު 2025، 11:02

ޙައްޖަށް މީހުން ގެންދިޔުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯޕަރޭޝަނުން މިފަދައިން ވިދާޅުވީ، އެ ކޯޕަރޭޝަނުގެ ނަމުގައި ފައިސާ ހޯދުމަށް ޞައްޙަ ނޫން މެސެޖުތަކެއް ފޮނުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެދި ނެރުނު ނޫސްބަޔާނެއްގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ޢާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެ ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އިސްލާމްދީނުގެ މާތް އަޅުކަމާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މިފަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި، ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން