ޚަބަރު
ފާއިތުވެދިޔަ ދެ އަހަރު އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ފެތުރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު: ވަޒީރު ޝަހީމް
ވަޒީރު ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ވުޒާރާ
ފާއިތުވެދިޔަ ދެ އަހަރު އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ފެތުރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ މީޑިއާ މައުރަޒު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ، މީޑިއާ މައުރަޒު ހުޅުވައިދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވަޑައިގެންދެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ނޫރާއި ހިދާޔަތު ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި މައުރަޒުގެ މަޤުޞަދަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެވިފައިވާ ކަންކަން ރައްޔިތުންނާއި ހަމައަށް ގާތުން ފޯރުކޮށްދީ އެ ވުޒާރާގެ މަޢުލޫމާތު ޢާންމުންނާއި މީޑިއާތަކާއި ހަމައަށް ގެނެސްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ކުރެވެމުންދާ މުހިންމު މަސައްކަތްތަކާއި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު ޢާންމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މައުރަޒެއް ކަމަށެވެ.
ހަމަ އެއާއެކު، މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި އެކި ޙަރަކާތްތައް ވެސް ކުރިއަށް ގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން، މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ޚުޠުބާ ކިޔުމުގެ ފުރުޞަތު ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީޑިއާ މައުރަޒު އިއްޔެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔައިރު މިއަދު ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް ވެސް މައުރަޒު ކުރިއަށްދާނެއެވެ.