ޚަބަރު
ފެނާއި ނަރުދަމާގެ ކުއްލި ޙާލަތުގެ ރޭވުންތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ފެނާއި ނަރުދަމާގެ ކުއްލި ޙާލަތުގެ ރޭވުންތައް ހިންގުމާ ގުޅޭގޮތުން ފަތުރުވެރިކަމާ ތިމަވެށްޓާ ބެހޭ ވުޒާރާއާއި ސްޓެލްކޯއިން ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ފަތުރުވެރިކަމާ ތިމަވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސްޓެލްކޯއިން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މި ރޭވުންތައް ތަންފީޒުކުރުމަށް މަގުފަހިކުރުން ކަމަށެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކުއްލި ޙާލަތުގެ ރޭވުންތައް އެކުލަވާލެވޭނީ އެ ވުޒާރާއިން ތައްޔާރުކޮށްފައިވާ 'ޑަބްލިޔު.އެސް.އީ.ޕީ ގައިޑްބުކް' ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން، ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ދިމާވެދާނެ ކޮންމެ ކުއްލި ޙާލަތެއްގައި ވެސް އިތުރަށް ތައްޔާރުވެ، އެފަދަ ޙާލަތްތަކުގައި ޚިދުމަތަށް ދަތިނުވެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެކަން ކަށަވަރުކުރެވޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި، މި ރޭވުންތައް ތަންފީޒުކުރުމުގެ މުހިންމުކަމާއި، ޚާއްޞަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިންނާއި އެވުޒާރާގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.