ޚަބަރު
ހުޅުމާލޭ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި
އޮޕަރޭޝެންގެ ތެރެއިން ޓޯވކުރަނީ/ފޮޓޯ: ފުލުހުން
ހުޅުމާލޭ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ވިދާޅުވީ، މިއީ ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޓޯވކުރުމުގެ އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި، ފުލުހުންގެ ސީނިއަރ އޮފިސަރުން، އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިކަމަށް ފުލުހުން ވިދާޅުވިއެވެ.
— Maldives Police (@PoliceMv) December 6, 2025
މި އޮޕަރޭޝަނަކީ، ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އާއި، އެޗްޑީސީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ގުޅިގެން މިމަހުގެ 6 އިން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.