ކުޅިވަރު
ވިލާއިން އާސެނަލް ބަލިކޮށް ތިންވަނައަށް އެރިއިރު، ސިޓީން ވެސް ފައިދާ ނަގައިފި
އިތުރު ވަގުތުގެ ގޯލާއެކު އެސްޓަން ވިލާގެ ކުޅުންތެރިން އުފާފާޅުކުރަނީ---
އިންގްލިސް ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއިން ލީގުގެ އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށް ތިންވަނައަށް ކުރިޔަށް ޖެހެލިއިރު، މެންޗެސްޓަރ ސިޓީއިން ވެސް އޭގެ ފައިދާ ނަގައި އާސެނަލްއާ އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
އެސްޓަން ވިލާގެ ވިލާ ޕާކުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، އާސެނަލްއިން ރަނގަޅު ކުޅުމެއް ދައްކައި ފުރުސަތުތަކެއް ހޯދިއެވެ. ނަމަވެސް އެ ފުރުސަތުތައް ކާމިޔާބު ނުކުރެވުމުގެ ނަތީޖާއަކަށްވީ، އެ ޓީމުގެ ކަނާތްފަރާތުން ފަހަތަށް ކުޅެމުން ދިޔަ މޭޓީ ކޭޝްއަށް ލިބުނު ފުރުސަތަކުން އޭނާ ވިލާއަށް ލީޑު ނަގައިދިނުމެވެ.
އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ ދެވަނަ ހާފުގެ 7ވަނަ މިނެޓުގައެވެ. ލިއާންޑްރޯ ޓްރޮސާރޑް މި ގޯލު ކާމިޔާބުކުރީ، އޭގެ ކުރިން އޭނާއަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ގޯލަށް އަމާޒުނުވެ، ދިޔަ ފަހުންނެވެ.
ވިލާއިން މެޗު ޔަޤީންކުރީ އިތުރު ވަގުތު އެމިލިއާނޯ ބުއެންޑިއާ ކާމިޔާބުކުރި ގޯލަކުންނެވެ. މިއީ އެ ޓީމުން އާސެނަލްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ސާފުކޮށްލުމަށް ގިނަ ވަގުތު ހޭދަވުމުން ބުއެންޑިއާ އެ ބޯޅަ ހޯދުމަށްފަހު ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު އާސެނަލްއަށް 3 ޕޮއިންޓު ގެއްލުނުއިރު، މިކަމުގެ ފައިދާ ވަނީ މެންޗެސްޓަރ ސިޓީއިން ވެސް ރަނގަޅަށް ނަގާފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެރޭ ސަންޑަލޭންޑު 3-0އިން ބަލިކޮށް އެ ޓީމާއި އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ވަނީ ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ.
އެގޮތުން 15 މެޗުން 30 ޕޮއިންޓު ހޯދައި ވިލާ ތިންވަނައަށް އެރިއިރު، ސިޓީއަށް ލިބިފައި ވަނީ 15 މެޗުން 31 ޕޮއިންޓެވެ.
އަދި ލީގުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއަށް އޭއެފްސީ ބޯނެމައުތު ބަލިނުކުރެވުމުން، އާސެނަލް ބަލިވުމުގެ ފައިދާ ނެގިފައެއް ނުވެއެވެ.