ކުޅިވަރު
ވޯލްޑް ކަޕްގައި އިނގިރޭސީން އޮތީ ވަރުގަދަ ގްރޫޕެއްގައި
ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްގައި އިނގިރޭސި ޓީމު---
އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ގުރުއަތުނެގުން ހުކުރު ދުވަހުގެ ރޭ ބޭއްވިއިރު، އިނގިރޭސީން ލައްވާލީ އުނދަގޫ ގްރޫޕެއްގައެވެ.
އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވި ގުރުއަތުލުމުގައި އިނގިރޭސީން ހިމެނިފައިވަނީ ކްރޮއޭޝިޔާ އާއި ގާނާގެ އިތުރުން ޕެނަމާ އާއިއެކު ގްރޫޕް އެލްގައެވެ. އަދި މި ގްރޫޕްގެ މެޗުތައް ކުޅޭ ފުރަތަމަ ދުވަހު އިނގިރޭސީން ނިކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
މި ދެ ޓީމު ވަނީ 2018ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި، ކިރަން ޓިރިޕިއާރގެ ގޯލަކުން އިނގިރޭސީން ލީޑު ނަގާފައި ވަނިކޮށް، ފަހު ހާފުގައި އިވާން ޕެރިސިޗް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ކްރޮއޭޝިއާއިން ފައިނަލުން ޖާގަ ހޯދީ، އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި މާރިއޯ މަންޒޫކިޗް ކާމިޔާބުކުރި ގޯލުންނެވެ.
2018ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީގައި އިނގިރޭސީން ބަލިކުރި ގޯލު ކާމިޔާބުކުރުމަށްފަހު މަންޒޫކިޗް އުފާފާޅުކުރަނީ---
ގުރުލުމުގެ ރަސްމިއްޔާތަށްފަހު އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ބުނެފައިވަނީ، އެމީހުން ލައްވާލީ އުނދަގޫ ގްރޫޕެއްގައި ކަމަށާއި، ކްރޮއޭޝިޔާ އާއި ގާނާ އަކީ ވޯލްޑްކަޕަށް އައު ޓީމުތަކެއް ނޫން ކަމަށެވެ. އަދި ޕެނަމާ އާއި ގުޅޭ ގޮތުން މާބޮޑު މައުލޫމާތެއް ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ޓީމުގެ ކަންތައްތައް ދިރާސާ ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޓުޗެލް އިތުރަށް ބުނީ، ފުޓްބޯޅަ މުބާރާތެއްގައި ގްރޫޕް ސްޓޭޖުގެ ތަޖުރިބާ އޭނާއަށް ހަމައެކަނި ކުރެވިފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކަމަށެވެ. އަދި އޭނާގެ ޓީމު ތައްޔާރުކުރާނީ އިދިކޮޅު ޓީމަށް އިހުތިރާމުކޮށްގެން ގްރޫޕްގެ އެއްވަނަ މަޤާމް ހޯދުމަށްކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މިފަހަރުގެ ވޯލްޑް ކަޕުން އިނގިރޭސީން ފުރުސަތު ހޯދާފައިވަނީ ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް ލަނޑެއް ވަނަނުދީ ވަރަށް ފުރިހަމަ ރެކޯޑަކާއިއެކުގައެވެ.
އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އިނގިރޭސީން ގަދަ-16އަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ފަހަރު އެ ޓީމަށް މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން 2-1އިން ބަލިވުމުންނެވެ.