ޚަބަރު
ރާއްޖޭގެ ޒަކާތު ޤާނޫނަކީ އެހެން ޤައުމުތަކަށް ނަމޫނާއަކަށް ވާނެ ފުރިހަމަ ޤާނޫނެއް: ވަޒީރު ޝަހީމް
ވަޒީރު ޑރ. ޝަހީމް/ފޮޓޯ: ވުޒާރާ
ރާއްޖޭގެ ޒަކާތު ޤާނޫނަކީ އެހެން ޤައުމުތަކަށް ނަމޫނާއަކަށް ވާނެ ފުރިހަމަ ޤާނޫނެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް ތަޞްދީޤުކުރެއްވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މި މަސައްކަތަށް ޤާނޫނީ ޙައިސިއްޔަތު ލިބުމަކީ ނިޒާމު ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ. ހަމަ އެހެންމެ، އެންމެ ބޮޑު ކުރިއެރުމަކީ މި ނިޒާމަކީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެ ނިޒާމަކަށް ވެގެން ދިއުން ކަމަށާއި، މި ޤާނޫނުގެ ދަށުން، ޒަކާތުގެ ފައިސާ ޖަމާ ކުރުމަށް އެމްއެމްއޭގައި ވަކި އެކައުންޓެއްވެސް ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަރަށް މުހިންމު މުއައްސަސާއަކަށް މި އިތުބާރު ލިބެނީ. އޮޑިޓްކުރާނެ، ހިސާބުކިތާބު އާއްމުކުރާން ޤާނޫނުން ލާޒިމުވީ. ޒަކާތުގެ ފައިސާ ޚަރަދުކުރަނީ ދެފުށް ފެންނަ ގޮތަކަށްކަން ކަށަވަރު ކުރާނެ. ޖަވާބުދާރީ ކުރެވޭނެ.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޤާނޫނު އެކުލަވާލުމުގައި އިސްލާމީ ފަހުގެ ދިރާސާތަކާއި އަދި ޒަކާތުގެ ކާމިޔާބު ނިޒާމުތައް ތަންފީޒު ކުރަމުންދާ އިސްލާމީ ޤައުމުތަކުގެ ނިޒާމުތަކަށްވެސް ބަލާފައިވާނެ ކަމަށެވެ. އަދި މި ޤާނޫނުގައި ޒަކާތާ ގުޅޭ ކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި ހިމަނާފައިވާ ކަމަށާއި މިއީ ވަރަށް ވަށައިޖެހޭ ފުރިހަމަ ޤާނޫނެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެއާއެކު، ޤާނޫނުގެ ދަށުން ކައުންސިލަކާއި ޝަރީޢާ ކޮމިޓީއެއްވެސް އުފައްދަން ޖެހޭ ކަމަށާއި، ޤާނޫނުގައި ބަޔާން ކުރާ ބައެއް މުހިންމު އުޞޫލުތައް 5 މަސް ދުވަހުގެ ތެރޭގައި އެކުލަވާލާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ޤާނޫނުގައި އެބަހުރި މުދަލު ޒަކާތުގެ ވާހަކަ ވަރަށް ތަފްސީލީކޮށް. ޒަކާތް ނެރެންޖެހޭ މުދަލާ ޒަކާތް ނެރެން ނުޖެހޭ މުދާ. ޖަމިއްޔާތަކާއި ޚައިރާތު ފަންޑުތައް ފަދަ އާއްމުންގެ މަސްލަޙަތު އޮންނަ ކަންކަމުން ނުޖެހޭނެ ޒަކާތް ނެރޭކަށް. މިކަންކަން ހިމަނާފައި ހުރީމަ ވަރަށް ފަސޭހަވޭ އެބަ ރައްޔިތުންނަށް.
ވަޒީރު ވިދާޅުވިއެވެ.
ޒަކާތު ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 2 އަހަރު މުހިންމު ގިނަ މަސައްކަތްތައް ކޮށްފައިވާއިރު، އަލަށް އެކުލަވާލި މި ޤާނޫނާއެކު ޒަކާތާއި ގުޅުންހުރި ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ އެވެ.