ޚަބަރު
ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް 6 ވަނަ ފަހަރަށް ރާއްޖެއިން ކާމިޔާބުކޮށްފި
ރާއްޖޭގެ ރިސޯޓެއް/ފޮޓޯ: މިހާރު
ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް ޖެހިޖެހިގެން 6 ވަނަ ފަހަރަށް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދެމުން އަންނަ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބިފައިވަނީ އިއްޔެ ބަހްރޭންގައި ބޭއްވި 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައެވެ. މި އެވޯޑު ރާއްޖެއަށް މިފަހަރު ވެސް ލިބިފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ނަން މަޝްހޫރު ގިނަ މަންޒަލުތަކަކާއި ވާދަކޮށްގެންނެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު ރާއްޖެއަށް ލިބުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުލިބޭނެ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބުކުރުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށްވެސް ވިދާޅުވިއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައި ރާއްޖެއަށް އެވޯޑް ލިބުނު 5 ކެޓަގަރީ:
- ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް
- ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް - ވައްކަރު މޯލްޑިވްސް
- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް އެވޯޑް - ހުޅުލެ އައިލެންޑް ހޮޓެލް
- ވޯލްޑް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް - ވޯލްޑޯފް އެސްޓޯރިއާ، އިތާފުށި
- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް - އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ދެ އެވޯޑް ރާއްޖޭން ދިފާޢުކޮށްފައިވާއިރު ފަތުރުވެރިކަމުގެ ސިނާއަތުން މިއަހަރު ވަނީ މުހިންމު ރެކޯޑުތަކެއް ޤާއިމްކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރި މުއްދަތަށްވުރެ މަހެއްހާ ދުވަސް ކުރިން މިއަހަރުގެ ދެމިލިއަން ފަތުރުވެރިންގެ އަމާޒު ވަނީ ހާސިލްކޮށްފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޑިސެމްބަރު 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 2.04 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މިއަންނަ އަހަރަށް ވެސް ގިނަ ކަންތައްތަކެއް ރާވާފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ.