ޚަބަރު
މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، 150،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، 150،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. މިި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެގޮތުން، އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައިވާކަން ފުލުހުންގެ ތަޙުޤީގުން ހާމަވެފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޙައްސާން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.