ދުނިޔެ
އަދިވެސް ޣައްޒާގެ ޞިއްޙީ ނިޒާމަށް ބޭނުންވާ މުހިއްމު ސާމާނު ނުލިބޭ
ޣައްޒާގެ ހޮސްޕިޓަލެއް
ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމަށް ފަހުވެސް ޣައްޒާގެ ޞިއްޙީ ނިޒާމަށް ބޭނުންވާ މުހިއްމު ސާމާނު ނުލިބޭ ކަމަށް އަލްޖަޒީޒީރާއިން ރިޕޯޓުކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ދެމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ދެމުންދާ ހަމަލާތަކުން ހަލާކުކޮށްލާފައިވާ މެޑިކަލް އިމާރާތްތަކާ އެކު ޣައްޒާގެ ޞިއްޙީ ނިޒާމް ހަލާކުވެފައިވާއިރު އަދިވެސް ފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް ފަރުވާދޭން ބޭނުންވާ މުހިންމު ސާމާނު ނުލިބެއެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ އެންމެ މުހިއްމު މެޑިކަލް ސާމާނު ވެސް އިޒްރޭލުން އެތެރެވިޔަ ނުދިނުމުގެ ސަބަބުން، ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ މި ސަރަހައްދުގައި ޑޮކްޓަރުންނަށް ވަނީ ފުރާނަ ސަލާމަތްކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
މި ސަރަހައްދަށް ކާބޯތަކެތި، މޯބައިލް ފޯނު އަދި އިލެކްޓްރިކް ބައިސްކަލް ވެސް އެތެރެވުމުގެ ހުއްދަ އިޒްރޭލުން ދީފައިވާއިރު، އެންޓިބަޔޮޓިކްސް، އައިވީ ސޮލިއުޝަންސް އަދި ސާޖިކަލް މެޓީރިއަލްސް ފަދަ މުހިއްމު ސާމާނު ވަނީ މަނާކޮށްފައެވެ.
“އަޅުގަނޑުމެން މި ކުރިމަތިލަނީ މުހިއްމު ބޭސްތަކުގެ ތެރެއިން 54 އިންސައްތަ ނުލިބޭ ހާލަތަކާ. އަދި އޮޕަރޭޝަންތަކަށް އަދި ކުއްލި ފަރުވާ ދިނުމަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން 40 އިންސައްތަ ބޭސް އެއްވެސް ވަރަކަށް ނެތް. މިއީ ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް އަޅުގަނޑުމެން އެންމެ ބަރޯސާވާ ބޭސްތައް.” ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުނީރު އަލް-ބުރުޝް އަލްޖަޒީރާއަށް ވިދާޅުވިއެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން މި ދަތިކަން ސިފަކުރަނީ މި ފަދަ ކަމެއް މީގެ ކުރިން ދިމާވެފައި ނުވާ ކަމެއްގެ ގޮތުގައެވެ. އިޒްރޭލުން ހަފްތާއަކު ޣައްޒާއަށް އެތެރެކުރަނީ އެންމެ ފަސް ޓްރަކްގެ މެޑިކަލް ސާމާނު ކަމަށް ވުޒާރާއިން ބުނެއެވެ. އޭގެ ތެރެއިން ތިން ޓްރަކްގެ ސާމާނު ޔޫއެން އަދި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ދާއިރު، ސަރުކާރު ހޮސްޕިޓަލްތަކަށް ލިބެނީ އެންމެ ދެ ޓްރަކްގެ ސާމާނެވެ. މި އަދަދު ވެގެންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން ޣައްޒާއަށް ފޯރުކޮށްދޭން ޖެހޭ އެހީގެ ކުޑަ ބައަކަށެވެ. އެހެންކަމުން، މިކަމުގެ އަސަރު ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ އެހެނިހެން ދާއިރާތަކަށް ވެސް ވަނީ ކޮށްފައެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ހިންދު ޚޫދަރީ ޣައްޒާ ސިޓީން ރިޕޯޓުކުރައްވަމުން ވިދާޅުވީ، “އެއް ދުވަހަކު 600 ޓްރަކް ޣައްޒާގެ ބިމަށް އެތެރެވާން ޖެހޭ. އެކަމަކު މި އެތެރެވަނީ ވަރަށް ކުޑަ މިންވަރެއް. ކެއްކުމަށް ބޭނުންވާ ގޭސް ވެސް ލިބެނީ ބޭނުންވާ މިންވަރުގެ 16 އިންސައްތަ. ހިޔާވާނެ ތަންތަން، ފޭލިގެ އަދި ވާރެއިން ސަލާމަތްވާނެ ހުރިހާ ސާމާނެއްގެ ދަތިކަން އެބަހުރި. ފަލަސްތީނުގެ ރައްޔިތުން އަލިފާން ޖަހަން ވެސް ލަކުޑި، ކާޓޫނު އަދި އެހެން ކޮންމެ އެއްޗެއް ވެސް އެއްކުރާ މަންޒަރު ފެނޭ.” ކަމަށެވެ.
މިފަދަ ހުރަސްތަކުގެ ބުރަ އެންމެ ބޮޑަށް އުފުލަން ޖެހިފައިވަނީ ދާއިމީ ބަލިތައް ހުންނަ މީހުންނަށެވެ. ނުސައިރާތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ 68 އަހަރުގެ ނާއިފް މުސްބާހްއަކީ ކޮލޮން ކެންސަރުގެ ބަލިމީހެކެވެ. އޭނާއަށް ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު މިހާރު ނުލިބެއެވެ.
މުސްބާހް އަލްޖަޒީރާއަށް ވިދާޅުވިއެވެ. “ބަނޑުގައި ހަރުކުރާ ކޮލޮސްޓޮމީ ބޭސް އަދި ބޭގްސް ބޭނުންވޭ. އެއީ ބޮޑުކަމުދާ އެއްޗެހި ބޭރުކުރުމަށް. އެ އެއްޗެހި ނުލިބޭ. އަދި ބޭސްތައް ވެސް ނުލިބޭ. މި ހާލަތު ވަރަށް ދަތި. ގޯޒު، ކޯލްޑް ޕެކްސް، އެޑެސިވް ޓޭޕް، ގްލޯވްސް ނުވަތަ ޑިސްއިންފެކްޓެންޓް ސޮލިއުޝަން ވެސް ނުލިބޭ – އެއްވެސް އެއްޗެއް ނުލިބޭ.” ކަމަށެވެ.
ޑޮކްޓަރުން މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ ލިބެން ހުރި ކުޑަ މިންވަރުގެ ސާމާނު ބޭނުންކޮށްގެން ކަންކަން ހަމަޖެއްސުމަށެވެ. ބަލިމީހުންގެ އާއިލާތަކުން ދަނީ އެމީހުންގެ ލޯބިވާ މީހުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށްޓަކައި ހޯދަން ދަތި ނުވާން ޖެހޭ ކަމަށް ބުނާ އާދައިގެ ސާމާނު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ އިޒްރޭލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލްތަކަށާއި ޞިއްޙީ މަރުކަޒުތަކަށް ވަނީ ހަމަލާ ދީފައެވެ. އޭގެ ތެރޭގައި 34 ހޮސްޕިޓަލް ހިމެނޭ ގޮތަށް، 125 ޞިއްޙީ މަރުކަޒަށް ގެއްލުން ލިބިފައިވެއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޑޮކްޓަރުން ވެސް ހިމެނޭ ގޮތަށް 1,700 އަށް ވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިންނަށް ވަނީ އަނިޔާވެފައެވެ.