Ads by Stelco

ޚަބަރު

އަންނަ މަހު ޒަކާތު ބެނެފިޝަރީ ކާޑު ތަޢާރަފުކުރެވޭނެ: ވަޒީރު ޑރ. ޝަހީމް

އަންނަ މަހު ޒަކާތު ބެނެފިޝަރީ ކާޑު ތަޢާރަފުކުރެވޭނެ: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް.

farudhun logo

ފަރުދުން

07 ޑިސެމްބަރު 2025، 04:40

07 ޑިސެމްބަރު 2025، 04:40

ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، ޒަކާތު ބެނެފިޝަރީ ކާޑެއް އަންނަ މަހު ތަޢާރަފުކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މި ފަދައިން ވިދާޅުވީ، ފަޤީރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ޕީ.އެސް.އެމް. ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަކާތު ބެނެފެޝަރީ ކާޑު އުފެއްދުމުގެ މައިގަނޑު މަޤުޞަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިނިވަން މުސްތަޤިއްލު އިދާރާއެއްގެ ގޮތުގައި އުފައްދަވައި، އެ އިދާރާއާ ޙަވާލުކުރެއްވި މުހިންމު މަސްއޫލިއްޔަތެއް ކަމުގައިވާ ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމުގެ މަސައްކަތްތައް ކުރުމެވެ.

މި ބެނެފިޝަރީ ކާޑާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އިސްލާމީ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް، ފަސޭހަކޮށްލުން ކަމަށެވެ. އަދި ޒަކާތު ހައުސްއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތަޢާރަފުކުރާ މި ކާޑު މެދުވެރިކޮށް، މީހަކު އެއީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ މީހެއްކަން ނުވަތަ ނޫންކަން ދަނެގަނެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ކާޑު އޮތީމާ އޭނާއަކީ، ކާކުކަން ދެނެގަނެވޭނެ. އެހެންވެ އޭނާއަށް ލިބިދޭން ޖެހޭ އެހީ -ޒަކާތު ހައުސްއިން އޭނާއަށް ދޭ އެހީ- އެ ކާޑުން އޭނާއަށް ޕޭ ކުރެވޭނެ. މިސާލަކަށް ރަމަޟާން މަހުގައި އަޅުގަނޑުމެން ފަޤީރު މީހާއަށް މި ދިނީ ކާބޯތަކެތި. އެ ކާބޯތަކެތީގެ ބަޖެޓަށް އެ މީހަކަށް ކަނޑައަޅާފައި މި އޮތީ މިސާލަކަށް 5000 ރުފިޔާ. މި ރުފިޔާއާ ހަމައަށް، ކަނޑައެޅިފައި ހުންނަ ފިހާރަތަކަކުން އޭނާއަށް ކާބޯތަކެތި ގަނެވޭނެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ފަޤީރުން އިދާރާތަކަށް ހިނގަން ޖެހޭ މިންވަރު މަދުވެ، ޚިދުމަތްތައް ލުއިފަސޭހަކަމާ އެކު ލިބިދޭނެ ކަމަށެވެ. އަދި ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކެކޭ އެއްފަދައިން ބަލައިގެން، މި ކާޑު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ޖަނަވަރީ މަހު މި ކާޑު އިފްތިތާޙުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތައް ކުރިއަށްދާކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، ޒަކާތު ބެނެފިޝަރީ ކާޑު ތަޢާރަފުވުމާ އެކު، ޞިއްޙީ ޚިދުމަތްތަކުން އާސަންދަ ސްކީމުގެ ދަށުން ކަވަރ ނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރ ކޮށްދޭނެ ކަމަށެވެ. އަދި ރަމަޟާން މަހު ކާބޯތަކެތި ގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ވެސް މި ކާޑުން ލިބިގެންދާނެ ކަމަށް ޒަކާތު ހައުސްއިން ހާމަކުރެއެވެ.

މި ކަންކަމަކީ އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ އަދި މުހިންމު ކަންކަން ކަމުގައި ޒަކާތު ހައުސްއިން ބުނެއެވެ.

މިހާރު ވެސް ޒަކާތު ހައުސްއިން އަންނަނީ، ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަޤީރުންނަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، އަލަށް ތަޢާރަފްކުރާ ޒަކާތު ބެނެފެޝަރީ ކާޑަކީ، ފަޤީރުންނާއި މިސްކީނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެޅޭ ބިންގަލެއްގެ ގޮތުގައި ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން