ދުނިޔެ
އިންޑިއާގެ ގޯއާގައި ނައިޓްކްލަބެއްގައި އަލިފާން ރޯވެ 25 މީހުން މަރުވެއްޖެ
އަލިފާން ރޯވި ނައިޓްކްލަބް ހާދިސާ ހިނގުމުގެ ކުރިން
އިންޑިއާގެ ގޯއާ ސްޓޭޓްގެ އަރުޕޯރާ އަވަށުގައި ހުންނަ މަޝްހޫރު ނައިޓްކްލަބެއްގައި ރޯވެ، މަދުވެގެން 25 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.
މި ހާދިސާގެ ތަޙުޤީޤެއް ހިންގުމަށް ސަރުކާރުން ވަނީ އަމުރުކޮށްފައެވެ. މަރުވި މީހުންގެ ތެރޭގައި ހަތަރު ފަތުރުވެރިންނާއި އެކްލަބްގެ 14 މުވައްޒަފުން ހިމެނޭ ކަމަށް ފުލުހުންނާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓްކޮށްފައިވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ މެންދަމު ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. އަލިފާނުގެ ސަބަބުން 50 މީހުންނަށް އަނިޔާވެފައިވާ ކަމަށް ދަ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވެއެވެ. ހާދިސާ ހިނގި ސަރަހައްދުގެ ސެކިއުރިޓީ ގާޑެއް އޭއެންއައި ނިއުސް އެޖެންސީއަށް ބުނެފައިވާ ގޮތުގައި، އެމީހުންނަށް ވަރަށް ބޮޑު ގޮވުމެއްގެ އަޑު އިވުނު ކަމަށާއި، ފަހުން އެނގުނީ ސިލިންޑަރެއް ގޮވައިގެން އަލިފާން ރޯވީ ކަމަށެވެ.
ގޯއާގެ ޗީފް މިނިސްޓަރު ޕްރަމޯދު ސާވަންޓް ވަނީ މި ހާދިސާގެ ތަޙުޤީޤެއް ހިންގުމަށް އަމުރުކުރައްވައި، ޒިންމާވާ ފަރާތްތަކާމެދު "ހަރުކަށި ފިޔަވަޅު" އަޅާނެ ކަމަށް ވައުދުވެފައެވެ.
ސާވަންޓް ވިދާޅުވީ، "ހާދިސާގެ ސަބަބު ދެނެގަނެ، ޒިންމާދާރު ފަރާތްތައް ކަނޑައެޅުމަށް މެޖިސްޓީރިއަލް ތަޙުޤީޤެއް ހިންގުމަށް އަހަރެން އަމުރުކޮށްފިން. އިހުމާލެއް ވެފައިވާނަމަ އެކަމާ މެދު ހަރުކަށިކޮށް ކަންތައް ކުރާނަން." ކަމަށެވެ. ހާދިސާ ހިނގި ތަނަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސާވަންޓް ވިދާޅުވީ، މަރުވި ތިން މީހުން މަރުވީ އަނދައިގެން ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށާއި، އަނެއް ބަޔަކު މަރުވީ ނޭވާ ހާސްވެގެން ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި މަދުވެގެން ތިން އަންހެނުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާއާ ގުޅިގެން ސާވަންޓާ ވާހަކަ ދައްކަވައި، ހިތާމަފާޅުކުރައްވާފައެވެ. މޯދީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުވި މީހުންގެ ކޮންމެ އާއިލާއަކަށް 200،000 ރުފިޔާ (2,200 ޑޮލަރު) އާއި އަނިޔާވި މީހުންނަށް 50،000 ރުފިޔާ (550 ޑޮލަރު) ގެ ބަދަލު ދިނުމަށް އެމަނިކުފާނުގެ އޮފީހުން ހަމަޖައްސާނެ ކަމަށެވެ.
މޯދ ީވަނީ ހާދިސާގައި މަރުވިމީހުންނާއި އަނިޔާވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވަވައިފައެވެ.
ގޯއާ އަކީ ބީޗްތަކާއި ފަރުބަދައިގެ މަންޒަރުތައް ހިމެނޭ، ޚާއްސަކޮށް ބޭރުގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ކުޑަ ސްޓޭޓެކެވެ. ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ބައިގައި 5.5 މިލިއަން ފަތުރުވެރިން، އޭގެ ތެރޭގައި 271،000 ބޭރުގެ ފަތުރުވެރިން، ގޯއާއަށް ޒިޔާރަތްކޮށްފައިވެއެވެ. އިންޑިއާގައި އިމާރާތް ކުރުމުގެ ނިޒާމްގެ ދޯދިޔާކަމާއި، ތޮއްޖެހުމާއި، ސަލާމަތީ ޤަވާއިދުތަކަށް ފުރިހަމައަށް ތަބާނުވުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް އާންމުކޮށް ހިނގައެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ގުޖުރާތު ސްޓޭޓްގެ އެމިއުޒްމެންޓް ޕާކެއްގައި ރޯވެ 24 މީހުން މަރުވެފައިވެއެވެ.