ދުނިޔެ
ސްރީލަންކާގައި އަނެއްކާވެސް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް ހިނގާފާނެ ކަމަށް ލަފާކޮށް އިންޒާރުދީފި
ސްރީލަންކާއަށް އައި ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން
އިއްޔެ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެޤައުމަށް އަނެއްކާވެސް ބިންގަނގު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރުތައް ނެރެފައެވެ.
މިއިންޒާރު ނެރެފައިވަނީ ބާރުގަދަ ތޫފާނުގެ ސަބަބުން މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަހައްދުތަކަށް ވާރޭ ވެހެމުންދާތީއެވެ. މިކާރިސާގައި މަރުވި މީހުންގެ އަދަދު 618 އަށް އަރާފައިވާއިރު، އޭޝިއާގެ އެހެން ބައެއް ޤައުމުތަކުގައި ވެސް ޢުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެ، މިހާތަނަށް ޖުމްލަ 1,800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން އާދިއްތަ ދުވަހު އިންޒާރު ދީފައިވާ ގޮތުގައި މޫސުމީ ވިއްސާރައިގެ ސަބަބުން އިތުރަށް ވާރޭ ވެހި، ފަރުބަދަތަކުގެ ބިންގަނޑު ހަލާކުވަމުންދާ ކަމަށެވެ. މީގެ ތެރޭގައި މެދުތެރޭގެ ފަރުބަދަ ސަރަހައްދާއި ހުޅަނގު އުތުރުގެ މެދުރަށް ސަރަހައްދުތައް ހިމެނެއެވެ.
މިދިޔަ ހަފްތާގައި ތޫފާން ދިތުވާގެ ސަބަބުން ކުރިމަތިވި މި ޤުދުރަތީ ކާރިސާގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ އަސަރު، އެޤައުމުގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތައާ އެއްވަރުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ. މިއީ މި ޤަރުނުގައި އެ ރަށަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާއެވެ.
މިއަދު އެޤައުމުގެ މެދުތެރޭގެ ސަރަހައްދުގައި ބިންގަނޑުކަނޑައިގެން ދިޔުމުގެ ސަބަބުން އެކަހެރިވެފައިވާ ރަށްތަކަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓުތައް ބޭނުންކޮށްފައިވެއެވެ. ސްރީލަންކާގެ އެއާ ފޯސް އިން ބުނެފައިވާ ގޮތުގައި އާދިއްތަ ދުވަހު މިޔަންމާ އިން އެހީގެ ސާމާނު ބަރުކޮށްފައިވާ ބޯޓެއް ލިބިފައިވާއިރު، މިއީ ބޭރުގެ އެހީގެ އެންމެ ފަހުގެ ބެޗެވެ.
ލަންކާގެ ސަރުކާރުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޖުމްލަ 618 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 464 މީހުންނަކީ ސައި ތައްޔާރުކުރާ މެދުތެރޭގެ ސަރަހައްދުގެ މީހުންނެވެ. އަދި 209 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ހަދާފައިވާ ދައުލަތުގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި މީހުންގެ އަދަދު އެންމެ ގިނައިން 225,000 އަށް އަރާފައި އޮތުމަށް ފަހު، ރަށުތެރޭގެ ފެންގަނޑު ހިކެމުންދިއުމާއެކު މިހާރު ވަނީ 100,000 އަށް ދަށްވެފައެވެ. ޑީއެމްސީ އިން ބުނި ގޮތުގައި 75,000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 5,000 އަށް ވުރެ ގިނަ ގެ ވަނީ މުޅިން ހަލާކުވެފައެވެ.ކާރިސާއަށް ފަހު އަލުން ބިނާކުރުމުގެ މަސައްކަތަށް 7 ބިލިއަން ޑޮލަރުގެ ހަރަދު ހިނގައިދާނެ ކަމަށް އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމަށް ސްރީލަންކާއިން އިތުރު 200 މިލިއަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެދުމަށް ވިސްނަމުންދާ ކަމަށް ހުކުރު ދުވަހު ބުނެފައެވެ. ރައީސް އަނޫރާ ކުމާރާ ދިއްސަނާޔަކަ ހުކުރު ދުވަހު ޕާލިމެންޓުގައި ވިދާޅުވީ ސްރީލަންކާގެ އިޤްތިޞާދު ވަރަށް ބޮޑަށް ރަނގަޅުވެފައިވީ ނަމަވެސް، މިފަހަރުގެ ކާރިސާގެ ޝޮކު އެކަނި ތަޙައްމަލުކުރުމުގެ ކުޅަދާނަކަން ނެތް ކަމަށެވެ.
އޭޝިއާގެ އެހެން ބައެއް ޤައުމުތަކަށް ބަލާއިރު، އިންޑޮނޭޝިއާގެ ސުމަތުރާ ރަށަށް ކުރިމަތިވި ފެންބޮޑުވުމާ ބިންގަނޑު ކަނޑައިގެން ދިޔުންތަކުގައި މަރުވި މީހުންގެ އަދަދު 900 އަށް ވުރެ ގިނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.