Ads by Stelco

ޚަބަރު

ފަލަސްޠީނަށް ޢަދުލުވެރިކަން ލިބުން ލަސްވުމަކީ ޢަދުލުވެރިކަން ނިގުޅައިގަތުން: ވަޒީރު ޚަލީލް

ފަލަސްޠީނަށް ޢަދުލުވެރިކަން ލިބުން ލަސްވުމަކީ ޢަދުލުވެރިކަން ނިގުޅައިގަތުން: ވަޒީރު ޚަލީލް

ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޑިސެމްބަރު 2025، 07:10

07 ޑިސެމްބަރު 2025، 07:10

ފަލަސްޠީނަށް ޢަދުލުވެރިކަން ލިބުން ލަސްވުމަކީ ޢަދުލުވެރިކަން ނިގުޅައިގަތުން ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލް މިހެން ވިދާޅުވީ، ދޯހާ ފޯރަމް 2025ގައި ބައިނަލްއަޤްވާމީ ޢަދުލުގެ ނިޒާމުތަކާއި ޤާނޫނުގެ ޙުކުމް ދެމެހެއްޓުމާ ބެހޭ ވަޒީރުންގެ މަޝްވަރާ މޭޒުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުނެވެ.  

ވަޒީރު ވިދާޅުވީ، ފަލަސްޠީނުގައި ހިނގަމުންދާ އިންސާނީ ކާރިސާއަކީ ބައިނަލްއަޤްވާމީ ޤާނޫނު ދެމެހެއްޓުމަށް ކުރާ މަސައްކަތާ ޚިލާފަށް ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށާއި ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މި މަޝްވަރާތަކުގައި ވަޒީރު ޚަލީލް ވަނީ ޢަދުލުވެރިކަމުގެ އަސާސްތައް ހުރިހާ ޤައުމަކަށް ވެސް ހަމަހަމައަށް ފޯރުކޮށްދޭން ޖެހޭނެކަން ފާހަގަކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ވަނީ އެކްސް މެދުވެރިކޮށް އެ ފޯރަމްގައި ދެއްކެވި ވާހަކަފުޅުގެ އުސްއަލިތައް ހާމަކުރައްވައިފައިވެއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ، "ފަލަސްޠީނަށް ޢަދުލުވެރިކަން ލިބުން ލަސްވުމަކީ ޢަދުލުވެރިކަން ނިގުޅައިގަތުން" ކަމަށެވެ. އަދި މިކަމުގެ ސީރިއަސްކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ކުޑަ ޖަޒީރާ ދައުލަތެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އަބަދުވެސް ބައިނަލްއަޤްވާމީ ޢަދުލުގެ ނިޒާމުތަކުގެ ސައްޙަކަމާއި، އަސާސީ ހަމަތަކަށް ބިނާކުރެވިފައިވާ ސިޔާސަތަށް ވަރަށް ބޮޑަށް އިސްކަންދީ، އެކަމަށް ޢަމަލީގޮތުން ބައިވެރިވާނެ ކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެވެ. މިފަދަ ބައިނަލްއަޤްވާމީ މަންސަތަކުގައި ރާއްޖޭގެ ބައިވެރިވުން ވަރުގަދަކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ޚަލީލް ވިދާޅުވީ، ޢަދުލުވެރިކަން ހުރިހާ ފަރާތަކަށް ހަމަހަމަކޮށް، އެއްގޮތަށް އަދި ފަސޭހަކަމާއެކު ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، މާނަވީ މަޝްވަރާތަކާއި ދުނިޔޭގެ އެއްބާރުލުން މުހިންމު ކަމަށެވެ. އެމަނިކުފާނު ވަނީ މި ފޯރަމްގައި ބައިވެރިވި އެހެން ވަޒީރުންނާއި ތަޖުރިބާކާރުންނާއެކު ބޭއްވުނު މަޝްވަރާތަކަކީ ވަރަށް ފައިދާހުރި މަޝްވަރާތަކެއް ކަމަށް ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން