ޚަބަރު
ހުޅުމާލެ ފޭސް ތިނެއްގެ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިއްޖެ
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް 30 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
މި މަސައްކަތް މިހާ ހަލުވިކަމާއެކު ކުރިއަށް ގެންދެވޭ މައިގަނޑު ސަބަބަކީ މަސައްކަތަށް ދެ ޑްރެޖަރު ބޭނުންކުރަމުން ދިއުމެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނައި ދެ ޑްރެޖަރާއިއެކު މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ތެރެއިން 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ ނިމިފައިވާކަން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ. މި ދެ ޑްރެޖަރު ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއު ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ދުވަހުއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ މަޝްރޫއަށް ވަނީ ވަގުތީގޮތުން މަޑުޖެހުމެއް އައިސްފައެވެ. މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ބާކީ ހުރި ބިންތައް ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހު ހަވީރެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. ސަރުކާރުން ވަނީ މި މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.