ޚަބަރު
ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ހުރި 250އަށް ވުރެ ގިނަ އުޅަނދު ނަގައިފި
ހުޅުމާލޭގެ މަގުމަތިން ފުލުހުން ވެހިކަލެއް ޓޯވް ކުރަނީ / ފޮޓޯ: ޕޮލިސް
ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި 252 އުޅަނދު ދިވެހި ފުލުހުންގެ ޚިދުމަތުން ނަގައިފިއެވެ.
މިއީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި ފުލުހުންގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤުސަދަކީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 މަގުތަކާއި ހުސް ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގައި، މަގުތަށް ބޭނުން ކުރުމަށް ދިމާވާ ދަތިތަށް ޙައްލު ކުރުމެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ނެގުނު 252 އުޅަނދަކީ، 3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ނެގުނު އުޅަނދުތަކެވެ. ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ނެގި މި އުޅަނދުތައް މިހާރު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހުޅުމާލެއަކީ ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތި ތަރުތީބުކުރުމަށް 2025 ޑިސެންބަރު 6 ވަނަ ދުވަހު ފަށާފައިވާ ޓޯވ އޮޕަރޭޝަނުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 252 އުޅަނދެއް ވަނީ ޓޯވކޮށްފައި. އަދި މި އުޅަނދުތައް މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސްފައި.
ފުލުހުން ޙިއްޞާކޮށްފައިވާ މެސެޖުގައި ވެއެވެ.
ފުލުހުން ބުނީ މި އުޅަނދުތަކާއި މެދު ޢަމަލުރާނީ އާންމުކޮށް ޓޯވް ކުރާ އުޅަނދުތަކާއި މެދު ޢަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން ނަގާފައި ވަނީ ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެވެ. މީގެ އިތުރުން، އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ވެސް ނަގާފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޕްރޮގްރާމުގެ ދަށުން އުޅަނދުތައް ނަގަން ފަށާފައިވަނީ، ކުރިއާލާ އުޅަނދުތަށް ނެގުމަށް އިޢުލާންކޮށްގެންނެވެ. އަދި ޓޯވް ކުރާ އުޅަނދުތަކާއި މެދު ޢަމަލުކުރާ އުސޫލުގެ ތެރެއިން، އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު މި އުޅަނދުތަށް ނައްތާލާނެއެވެ.
ހުޅުމާލޭގެ މަގުމަތިން ފުލުހުން ވެހިކަލެއް ޓޯވް ކުރަނީ / ފޮޓޯ: ޕޮލިސް
ހުޅުމާލޭގެ މަގުތަކުގައި އަދި ހުސް ބިންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅަނދުތައް ބަހައްޓާފައި ހުންނަ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން މަގުތަށް ބޭނުން ކުރާ ފަރާތްތަކަށް ދަތިވެ ޕާކިން ޖާގަތަށް ގެއްލޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ އުޅަނދެއް ބާއުވެ ދޫކޮށްލާ ނަމަ މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ތެރެއިން އުޅަނދު ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.