ދުނިޔެ

ގުޅިގެން މަސައްކަތްކުރުމުން ނޫނީ ސަރަހައްދީ ޞުލްޙައެއް ނާންނާނެ: ޤަޠަރުގެ ބޮޑުވަޒީރު

ގުޅިގެން މަސައްކަތްކުރުމުން ނޫނީ ސަރަހައްދީ ޞުލްޙައެއް ނާންނާނެ: ޤަޠަރުގެ ބޮޑުވަޒީރު

ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޑިސެމްބަރު 2025، 08:10

07 ޑިސެމްބަރު 2025، 08:10

ގުޅިގެން މަސައްކަތްކުރުމުން ނޫނީ ސަރަޙައްދީ ޞުލްޙައެއް ނާންނާނެ ކަމަށް ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާާނީ ވިދާޅުވެއްޖެއެވެ. 

ޤަތަރުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، ސަރަހައްދީ ޞުލްޙަ ޤާއިމުކުރުމަށްޓަކައި، ފަލަސްތީނުގެ ޖަމާޢަތެއް ކަމަށްވާ ޙަމާސް ފަދަ ދައުލަތުގެ ބައިވެރިން ނޫން ފަރާތްތަކާއެކު ވެސް ހިމެނޭ ގޮތަށް މަޝްވަރާކުރުމަކީ އެކަން ހާސިލުކުރުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ. ދޯހާ ފޯރަމްގައި އެމެރިކާގެ ނޫސްވެރިޔާ ޓަކަރ ކާލްސަންއާ ވާހަކަ ދައްކަވަމުން ޝައިޚް މުޙައްމަދު ވިދާޅުވީ، "ދައުލަތުގެ ބައިވެރިން ނޫން ފަރާތްތަކާ ވާހަކަ ދައްކާނެ މީހަކު ނެތްނަމަ" މައްސަލައެއް ޙައްލުކުރުމަކީ ނުވަތަ އެކަމަށް ޙައްލެއް ހޯދުމަކީ ނުވާނެ ކަމެއް ކަމަށެވެ.

ޝައިޚް މުޙައްމަދު ވިދާޅުވީ، ޙަމާސްއާ ޤަތަރުގެ ގުޅުން ފެށިފައިވަނީ 10 އަހަރަށްވުރެ ކުރިން ކަމަށާއި، އެ ޖަމާޢަތުގެ އޮފީސް ޤަތަރުގައި ހުޅުވީ އެމެރިކާގެ އެދުމަށް ކަމަށެވެ. އެގޮތުން އެކަމުގެ މަޤްޞަދަކީ، ހަތިޔާރުއެޅި އެ ޖަމާޢަތާ އެކު މުއާޞަލާތު ބަދަލުކުރުން އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ، 2012 ވަނަ އަހަރު ޙަމާސްއިން އެމީހުންގެ އޮފީސް ޤަތަރަށް ބަދަލުކުރި އިރު، އެތަން ބޭނުންކުރީ ހަމައެކަނި މުއާޞަލާތު ބަދަލުކުރުމަށާއި، ހަނގުރާމަ ހުއްޓާލުމާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފަސޭހަ ކުރުމަށް ކަމަށެވެ. ޤަތަރުން ވަނީ 2013 ވަނަ އަހަރުން ފެށިގެން ތާލިބާނުންގެ ސިޔާސީ އޮފީސް ވެސް ބަލައިގެންފައެވެ. އެއީ އެމެރިކާއާއި ކުރީގެ އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު ހަނގުރާމަ ހިނގަމުންދިޔަ ދުވަސްވަރުގައެވެ. އެ އޮފީސް ވެސް ޤާއިމުކުރެވުނީ އެމެރިކާގެ އެދުމަށް، ސުލްޙައިގެ މަޝްވަރާތަކަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

ޣައްޒާއަށް ދާ ފައިސާގެ އެހީތައް ޙަމާސްއަށް ދާ ކަމަށް ބުނާ ތުހުމަތުތައް ޝައިޚް މުޙައްމަދު ވަނީ ދޮގުކުރައްވާފައެވެ. އެ ފައިސާ ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑުވަޒީރު ވިދާޅުވީ، ސިޔާސީ ބޭފުޅުން މިކަން ބޭނުންކުރަން މަސައްކަތްކުރަނީ ކުރު މުއްދަތުގެ ސިޔާސީ ފައިދާ ހޯދުމަށް ކަމަށާއި، އެމީހުންގެ ވާހަކަތައް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ އެހީއެއް، ފައިނޭންސިންގއެއް، އަދި ހުރިހާ އެހީތެރިކަމެއް... ޣައްޒާގެ ރައްޔިތުންނަށް ދިޔައީ، އަދި އެއީ ވަރަށް ސާފުކޮށް ހިންގި ކަމެއް. އެމެރިކާއަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގޭނެ... އަދި އިސްރާއީލުން ވެސް އެކަމަށް ފަސޭހަކޮށްދިން، މި މުއާޞަލާތުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމާއި، ރަހީނުކުރެވިފައިވާ މީހުން ދޫކޮށްލުމާއި، އެތަނުގެ ރައްޔިތުންގެ ތަކުލީފުތައް ކުޑަކުރުމަށް މަގުފަހިވެފައިވޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހު ޤަތަރަށް އިސްރާއީލުން ދިން ޙަމަލާއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝައިޚް މުޙައްމަދު ވިދާޅުވީ، އެއީ ހުތުރު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، މެދުވެރިކަމުގެ މަފްހޫމަކީ، ހަނގުރާމަވެރި ފަރާތްތަކަށް އެއްބަސްވުމަކަށް އައުމަށާއި، ހަނގުރާމަތައް ނިންމުމަށް ރައްކާތެރި ތަނެއް ހޯދައިދިނުން ކަމަށެވެ. "މެދުވެރިއަކަށް އެއް ފަރާތުން ބޮން އެޅުމަކީ - މީގެ ކުރިން ދިމާވެފައި ނުވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ހާމަކުރެއްވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް އިސްރާއީލުގެ މި ޢަމަލުގެ ސަބަބުން ހައިރާންކަން ލިބިވަޑައިގެންނެވިއެވެ.

"ރައީސް ޓްރަމްޕް ފުރަތަމަ ވެސް ވަރަށް ސާފުކޮށް ވިދާޅުވި... އެ ޙަމަލާގެ ޚަބަރު އެމަނިކުފާނަށް ލިބުމުން، އެ މަނިކުފާނުގެ އެއް އެޑްވައިޒަރަށް ވަގުތުން އަޅުގަނޑުމެންނާ ގުޅުއްވުމަށް އެންގެވި. އެ މަނިކުފާނުގެ ހިތްހަމަނުޖެހުން، އެ މަނިކުފާނުގެ ނުތަނަވަސްކަން އެމަނިކުފާނު ފާޅުކުރެއްވި، ސަބަބަކީ އެ މަނިކުފާނަށް މި މުޅި ކަންތައްތަކާއި، އަޅުގަނޑުމެން އެހީތެރިވި މިންވަރު އެނގިވަޑައިގަންނަވާތީ،" ޝައިޚް މުޙައްމަދު ވިދާޅުވިއެވެ.

"މިކަން ހުރިހާ އެންމެންނަށް ވެސް ވަރަށް ސާފުކޮށް އެނގޭނެ، މިއީ ރަތް ރޮނގެއް ކަމާއި، އެމަނިކުފާނު އެއްވެސް މީހަކު އެ ރޮނގު ހުރަސްކުރަން ބޭނުންފުޅު ނުވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ދެ އަހަރުވަންދެން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޣައްޒާ އަލުން ބިނާކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝައިޚް މުޙައްމަދު ވިދާޅުވީ، ޤަތަރުން "ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ދިނުން ކުރިއަށް ގެންދާނެ" ކަމަށެވެ. "އެމީހުންގެ ތަކުލީފުތައް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" އޭނާ ބާރުއަޅުއްވައި ވިދާޅުވިއެވެ. ނަމަވެސް، ޤަތަރުން "އެހެން މީހުން ހަލާކުކުރި ތަކެއްޗަށް ފައިސާ ދައްކާނެ" ކަމަށް ވިދާޅުނުވާނެ ކަމަށް ވިދާޅުވިއެވެ. "ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައަށް ބަލާއިރު، އަޅުގަނޑުމެންނަށް އިވޭ ރަޝިޔާއިން ހުރިހާ ޚަރަދެއް ދޭން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން