ދުނިޔެ
އިންޑޮނޭޝިއާގައި ތޫފާނުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 900 އިން މައްޗަށް
އިންޑޮނޭޝިޔާގައި ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައިވާ ތަނެއް
އިންޑޮނޭޝިއާއަށް ފާއިތުވި ހަފްތާގައި ކުރިމަތިވި ތޫފާނުގައި ވިއްސާރަވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކުރިމަތިވި ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 900 އިން މައްޗަށް އަރައިފިއެވެ.
މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު އަދިވެސް ވަނީ ގެއްލިފައެވެ. ސަލާމަތީ ޓީމުތަކުން ދަނީ އެކަހެރިވެފައިވާ އަވަށްތަކަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
މި ބާރުގަދަ މޫސުމީ ތޫފާނުގެ ސަބަބުން ޤައުމުގެ ބައެއް ސަރަހައްދުތަކަށް ލިބުނު ގެއްލުން ބޮޑެވެ. އެގޮތުން 100،000 އަށް ވުރެ ގިނަ ގެ ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބާރު ޕްރެޝަރުގައި ދަތުރުކުރި ފެނުގެ ސަބަބުން މުޅި ރަށްތައް ވަނީ ހަލާކުވެފައެވެ. އެހީގެ ސާމާނު ފޯރުކޮށްދިނުމަކީ ބޮޑު ގޮންޖެހުމަކަށް ވެފައިވާއިރު، ބައެއް ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދެވިފައިވަނީ ހަމައެކަނި ވައިގެ މަގުންނެވެ. މި ހާދިސާ އަކީ ފާއިތުވި ހަފްތާތަކުގައި އޭޝިއާގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި މޫސުމީ ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. ސްރީ ލަންކާ، ތައިލެންޑް، މެލޭޝިއާ އަދި ވިއެޓްނާމްގައި މިފަދަ ހާދިސާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 2،000 އާ ގާތްކުރެއެވެ.
އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އާޗޭ ތަމިއަންގްގައި، ސަލާމަތްވި މީހުން ބުނި ގޮތުގައި މުޅި ކޮމިއުނިޓީތައް ވަނީ ނެތިގޮސްފައެވެ. ލިންޓަންގް ބަވާހް ވިލެޖްގެ ރައްޔިތެއް ކަމަށްވާ ފިތްރިއާނާ ބީބީސީ އިންޑޮނޭޝިއަންއަށް ބުނީ، އާއިލާތައް ދުވަސްތަކެއް ވަންދެން ކާނާއާއި ފެނެއް ނެތި ގެތަކުގެ ފުރާޅުމަތީގައި ތިބެގެން ސަލާމަތްވި ކަމަށެވެ.
"ހަތަރު އަހަރުގެ ކުދިންނާއެކު ގެތަކުގެ ފުރާޅުމަތީގައި ތިން ދުވަސް ވަންދެން ކެއުމާއި ބުއިމެއް ނެތި ތިބި މީހުން ވެސް ތިބި،" އޭނާ ބުންޏެވެ. އޭނާގެ އަވަށްގެ %90 ގެ ވަނީ ހަލާކުވެ، 300 އާއިލާ ވަނީ ހާލުގައި ޖެހިފައެވެ.
ސަލާމަތްވި އެހެން މީހަކު ކިޔައިދިން ގޮތުގައި، ފެންގަނޑު އޭނާގެ ގެއިން ދެވަނަ ފަންގިފިލާއާ ހަމައަށް އެރި ފަހުން، އޭނާ ދޯންޏެއްގައި ސަލާމަތް ކުރެވުނެވެ. ނަމަވެސް އެހެން އަވަށްތަކަށް ބަދަލުވުމަށް ފަހު ވެސް އަނެއްކާވެސް ފިލަން ޖެހުނެވެ.
"އަހަރެމެން ނިދާފައި ތިބި މެޓްރެސްތައް ކުއްލިއަކަށް ފެނުން ތެމިއްޖެ... އެއަށްވުރެ އުސް ތަނެއް ނެތް،" އޭނާ ބުންޏެވެ. އޭނާގެ އާއިލާ ސަލާމަތްވީ ގާތްތިމާގެ މީހެއްގެ ގެއެއްގެ މަތީ ފަންގިފިލާއަށް އަރައިގެންނެވެ.
ރީޖަނަލް ގަވަރުނަރު ވިދާޅުވީ، ސާޗް ޓީމުތަކުން "އުނަގަނޑާ ހަމައަށް" ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނަގަމުންދާއިރު، އެހީގެ މަސައްކަތް ކުރާ މީހުން ދަނީ މަޑިން ފުރި، ހަލާކުވެފައިވާ މަގުތަކުގައި ދަތުރުކުރަމުންނެވެ.
ގަވަރުނަރު އިންޒާރު ދެއްވި ގޮތުގައި "އާޗޭގެ ރިމޯޓް ސަރަހައްދުތަކުގެ ގިނަ ތަންތަނަށް އަދިވެސް އެއްވެސް އެހީއެއް ފޯރުކޮށްދެވިފައެއް ނުވޭ. މީހުން މަރުވަނީ ފެންބޮޑުވުމުގެ ސަބަބުން ނޫން، ބަނޑުހައި ހޫނުކަމުގެ ސަބަބުން،" ނެވެ.
އިންޑޮނޭޝިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވި ޖަލަކުން ގައިދީން ވަނީ ދޫކޮށްލާފައެވެ. އެއީ އެ މީހުން ބަދަލުކުރާނެ ރައްކާތެރި ތަނެއް ނެތުމުގެ ސަބަބުންނެވެ. ސިބޮލްގާ ސިޓީއަށާއި ސެންޓްރަލް ތަޕަނުލީއަށް ދަތުރުކުރާ މަގުތައް އާދިއްތަ ދުވަހާ ހަމައަށް ވެސް ވަނީ ބަންދުކުރެވިފައެވެ.
އެހީގެ ސާމާނު މި ސަރަހައްދުތަކަށް ފޯރުކޮށްދެވިފައިވަނީ ހަމައެކަނި ވައިގެ މަގުންނާއި ކަނޑުގެ މަގުންނެވެ. ބައެއް ސަރަޙައްދުތަކުން މުދާ ހުސްވުމުގެ ސަބަބުން ސުޕަރމާކެޓްތަކަށް ވަދެ މުދާ ފޭރުމުގެ ހާދިސާތައް ވެސް ވަނީ ރިޕޯޓްކުރެވިފައެވެ.