ޚަބަރު
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަން ސިނގިރޭޓު ސްޓިކް ނައްތާލައިފި
ސިނގިރޭޓު ސްޓިކްތަކެއް ނައްތާލުން / ފައިލް ފޮޓޯ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ބެލުމުގެ ދަށުގައި ހުރި 1.83 މިލިއަން ސިނގިރޭޓު ސްޓިކް ނައްތާލައިފިއެވެ.
އެ އިދާރާއިން މީސްމީޑިއާގައި ޙިއްސާކުރި މަޢުލޫމާތަށް ބަލާއިރު، މި ތަކެތި ނައްތާލާފައި ވަނީ ސ. ހިތަދޫ ޕޯޓު ސަރަޙައްދުގައެވެ.
މިއީ ޤާނޫނާ ޚިލާފަށް ރާއްޖެ އެތެރެކުރުމަށް މަސައްކަތް ކުރަނިކޮށް ހިފަހައްޓާފައިވާ ސިނގިރޭޓު ސްޓިކުތަކެއްކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓް ސްޓިކްސް ނައްތާލައިފި.
ކަސްޓްމްސްއިން ހާމަކުރި މެސެޖުގައި ވެއެވެ.
ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މި އަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރި ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.
އެގޮތުން މިދިޔަ ހަފްތާގައި ވަނީ، ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވެސް ގެއްލިފައެވެ. މި މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ އިސް އޮފިސަރަކާއި، ކަސްޓަމްސްގެ ސީނިއަރ މެނޭޖުމެންޓުގައި ކުރިން މަސައްކަތްކުރެއްވި ފަރާތެއް ވެސް ހިމެނެއެވެ. މި މައްސަލައިގައި ދެން ހިމެނެނީ ދެ ވިޔަފާރިވެރިންނެވެ.