ދުނިޔެ
ހަމަލާތައް ހުއްޓާލުމުގެ ދެވަނަ މަރުހަލާ ވަރަށް އަވަހަށް ފަށާނެ: ނަތަންޔާހޫ
ނަތަންޔާހޫ އަދި މާޒް
އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާ ހުއްޓާލުމުގެ ދެވަނަ މަރުހަލާއަށް ވަރަށް އަވަހަށް ވަދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.
މިކަން ވާނީ ޙަމާސްގެ ބެލުމުގެ ދަށުގައިވާ އެންމެ ފަހުގެ ރަހީނުގެ ހަށިގަނޑުގެ ބައިތައް އަނބުރާ ހަވާލުކުރުމަށް ފަހުގައިކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.
ނަތަންޔާހޫ މިކަން ހާމަކުރީ ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާޒް އިޒްރޭލަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. މިއީ މާޒް ޖަރުމަނުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިޒްރޭލަށް ކުރި ފުރަތަމަ ދަތުރެވެ. މި ދަތުރުގައި މާޒް ވަނީ ޔާދު ވަޝެމް ހޮލޮކޯސްޓް މެމޯރިއަލްއަށް ވެސް ޒިޔާރަތްކޮށްފައެވެ. ނަތަންޔާހޫ އިތުރަށް ބުނީ އޭނާ މި މަހުގެ ފަހުކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރާނެ ކަމަށެވެ.
ދެ ލީޑަރުންގެ ބައްދަލުވުމުގައި ޣައްޒާގެ މައްސަލައަށް އަލިއަޅުވާލާފައިވާއިރު، މި މައްސަލާގައި ދެމީހުންގެ ޚިޔާލު ތަފާތެވެ. ނަމަވެސް ދެ ޤައުމުގެ ގާތް ގުޅުން ދެމެހެއްޓުމަށް ބޭނުންފުޅުވާކަން ދެފަރާތުން ވެސް ވަނީ ހާމަކޮށްފައެވެ. މާޒް ބުނީ އޭނާ އިޒްރޭލަށް މި އައީ ރައްޓެއްސެއްގެ ގޮތުގައި ކަމަށާއި، އޭނާ ބޭނުންވި ވަރަށްވުރެ މާ ފަހުން މި ދަތުރު ކުރެވުނީ ކަމަށެވެ.
ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން މާޒް ބުނީ އިޒްރޭލު ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން "ޖަރުމަނަށް ބައެއް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ" ކަމަށެވެ. އަދި ކޮންމެ ދައުލަތެއް ވެސް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. ޣައްޒާގައި ކުރިމަތިވެފައިވާ ބޮޑު ހާލަތަށް ބަލާއިރު، ޖަރުމަނުން މިކަމުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށް މާޒް ބުންޏެވެ. ނަމަވެސް، ޙަމާސްއާ ދެކޮޅަށް ދިފާޢުވުމުގެ ޙައްޤު އިޒްރޭލަށް ލިބިގެންވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މާޒް ބުނީ "އަހަރެމެން ޞުލްޙަ ޤާއިމުކުރުމަށްޓަކައި ކުރާ ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދާނެ" ކަމަށާއި، "ދެމިގެންދާ ޞުލްޙައެއް ޤާއިމުކުރެވިދާނެ" ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ. ޣައްޒާގެ ވެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ "އެއްކަމެއް ކަށަވަރު: ޣައްޒާގައި ޙަމާސްއަށް އެއްވެސް ދައުރެއް ނޯންނާނެ. ޣައްޒާއަކީ އިޒްރޭލަށް އިތުރު ބިރެއްގެ ގޮތުގައި އޮވެގެން ނުވާނެ." ކަމަށެވެ.
މާޒް ބުނާ ގޮތުގައި ޞުލްޙައިގެ ދެވަނަ މަރުހަލާ މިހާރު ފެށެން ޖެހެއެވެ. އޭނާ ހަނގުރާމައިގެ ސަބަބުން ދެފަރާތަށް ލިބިފައިވާ ގެއްލުންތަކަށް އަލިއަޅުވާލާފައިވާއިރު، ދެ ދައުލަތުގެ ހައްލެއްގެ ދަށުން ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަކީ ދެމިގެންދާ ޞުލްޙައެއް ހޯދުމުގެ މަގު ކަމަށް އޭނާ ބުނެފައިވެއެވެ.
"އަހަރެމެން ޤަބޫލުކުރާ ގޮތުގައި އިޒްރޭލާ އެކު ފަލަސްތީނުގެ ދައުލަތެއް ޤާއިމުވުމަކީ މި މުސްތަޤުބަލަށް އެންމެ ރަނގަޅު އުއްމީދުތައް ހުޅުވާލެވޭނެ ގޮތް ދެ ދައުލަތުގެ ހައްލެއް ހާސިލުކުރެވޭނީ މަޝްވަރާތަކުގެ ތެރެއިން އެކަނި” މާޒް ބުނެފައިވެއެވެ.
ހުޅަނގު އައްސޭރި އިޒްރޭލާ ގުޅާލުމުގެ މައްސަލައާ ގުޅޭގޮތުން މާޒް ބުނީ "އެކަން އިޒްރޭލާ ގުޅާލުމުގެ މާނަ ދޭހަވާނެ އެއްވެސް ރަސްމީ، ސިޔާސީ، އޮނިގަނޑުގެ ނުވަތަ އެހެނިހެން ފިޔަވަޅުތަކެއް ނާޅަން ޖެހޭނެ" ކަމަށެވެ. ނަމަވެސް ނަތަންޔާހޫ ވަނީ ދެ ދައުލަތުގެ ހައްލާ ގުޅޭގޮތުން މާޒްއާ ދެކޮޅު ހަދާފައެވެ.
ނަތަންޔާހޫ ބުނީ ފަލަސްތީނުގެ ދައުލަތެއް އޮތް ކަމަށާއި، އެ ދައުލަތުގެ މަޤްސަދަކީ އިޒްރޭލު ނައްތާލުން ކަމަށެވެ. އެހެންކަމުން، ޖޯޑަން ކޯރުން ފެށިގެން މެޑިޓެރޭނިއަން ކަނޑާ ހަމައަށްވާ ސަރަހައްދުގެ ކޮންޓްރޯލް އިޒްރޭލުގެ އަތްމަތީގައި ބާއްވަން ޖެހޭނެ ކަމަށް އިޒްރޭލުގެ ލީޑަރު ނަތަންޔާހޫ ވަނީ ބުނެފައެވެ.
ނެތަންޔާހޫ ބުނާ ގޮތުގައި އެއީ އިޒްރޭލާ ގުޅާލުމެއް ނޫނެވެ. އެއީ ސަލާމަތީ ގޮތުން މުހިންމު ސަރަހައްދެއް ކޮންޓްރޯލް ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެކެވެ. އަދި ސިޔާސީ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަ ދައްކާނީ "މާ ދުރު މުސްތަޤްބަލެއްގައި" ކަމަށް ބުނެފައިވެއެވެ.