Ads by Stelco

ޚަބަރު

މައްސަލަ ތަޙުޤީޤުކުރައްވާ އޮފިސަރާ ސީދާ މުޢާމަލާތުކުރެވޭނެ ފީޗަރ އަކާއި އެކު ފުލުހުންގެ އެޕްލިކޭޝަން އަދާހަމަކޮށްފި

މައްސަލަ ތަޙުޤީޤުކުރައްވާ އޮފިސަރާ ސީދާ މުޢާމަލާތުކުރެވޭނެ ފީޗަރ އަކާއި އެކު ފުލުހުންގެ އެޕްލިކޭޝަން އަދާހަމަކޮށްފި

ޕޮލިސް އެމްވީ އެޕްލިކޭޝަންގެ އަދާހަަމައާއި އެކު އިފްތިތާޙްކުރުން. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޑިސެމްބަރު 2025، 02:42

08 ޑިސެމްބަރު 2025، 02:42

އައު ޚިދުމަތްތަކާއި ފީޗަރސްތަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޕްލިކޭޝަން، "ޕޮލިސް އެމްވީ"، އަލުން އިފްތިތާޙުކޮށްފިއެވެ.

މި އަދާހަމަކުރެވުނު އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ ގޮތަށާއި، ޚިދުމަތަށް އެދެވޭނެ ގޮތަށެވެ.

ފުލުހުން ވިދާޅުވީ، "ޕޮލިސް އެމްވީ" އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ އީފާސް މެދުވެރިކޮށް ލޮގިންވެވޭ ގޮތަށް، މޯލްޑިވްސް 2.0 އުސޫލުތަކާއި އެއްހަމަކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ދުވެލި ހަލުވިކުރުމަށް ކަމަށެވެ. މީގެ މަޤްޞަދަކީ މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމެވެ.

އަލަށް އިތުރުކުރެވުނު މުހިންމު ޚިދުމަތްތައް

އެޕްލިކޭޝަނަށް އަލަށް އިތުރުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރުގެ މަޢުލޫމާތު ބަލައި، އެފަރާތާ ސީދާ މުޢާމަލާތް ކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިފައިވުމެވެ. މީގެ އިތުރުން މައްސަލަ ހުށައެޅުމާއި، ތަހުޤީޤު ކުރާ މައްސަލަތަކާ ގުޅޭ ހެކި ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބިގެންދެއެވެ. އަދި ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދި އޮންލައިންކޮށް އެޕްލައި ކުރުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ގެއްލިގެން ރިޕޯޓް ކޮށްފައިވާ ތަކެއްޗާއި، ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތާއި، ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މައުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

މީގެ އިތުރުން، ޕޮލިސް ސެޓްފިކެޓް އަދި ރެކޯޑް ކްލިއަރެންސް ފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް އެޕްލައި ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، މިސެޓްފިކެޓްތައް ޑިޖިޓަލްކޮށް ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް މި އެޕްލިކޭޝަންގައި ވަނީ ޤާއިމުކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ މޯލްޑިވްސް 2.0ގެ ސިޔާސަތުތަކުގެ ދަށުން ފުލުހުންގެ ޚިދުމަތް ޑިޖިޓަލީ ޓްރާންސްފޯމް ކުރުމަށް މި އެޕްލިކޭޝަން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މި މަސައްކަތަކީ ރައްޔިތުންނާއި ފުލުހުންނާ ދެމެދު ގާތް ގުޅުމެއް އުފެދި، ރައްކާތެރި މުޖުތަމަޢެއް ޤާއިމު ކުރުމުގައި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދޭ ކަމެއް ކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން