Ads by Stelco

ޚަބަރު

މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ބުނީ ކުށްކުރެވުނީ ނުނިދޭތީ ކަމަށް!

މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ބުނީ ކުށްކުރެވުނީ ނުނިދޭތީ ކަމަށް!

މާލޭ ސެލޫނެއްގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާ.

farudhun logo

ފަރުދުން

08 ޑިސެމްބަރު 2025، 02:42

08 ޑިސެމްބަރު 2025، 02:42

މާލޭގެ ސެލޫނެއްގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާއަށް އެ ކަން އެ ގޮތަށް ކުރެވުނީ، ރޭގަނޑު ނުނިދޭތާ އެތައް ދުވަހެއް ވޭތުވެފައިވުމުން ކަމަށް ކޯޓުގައި ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ސ. ހިތަދޫ އަސަރީވިލާ ޢަލީ މަނިކު (43އ)ގެ ބަންދަށް ފަސް ދުވަސް ޖަހާފައިވަނިކޮށް، އިއްޔެ އޭނާ ކޯޓަށް ގެންދިޔައެވެ. އޭނާ ހައްޔަރުކުރެވުނު ފަހުން ބަލިވެ ޙަރަކާތް މަދުވުމުގެ ސަބަބުން ހަސްފަތާލަށް ގެންދިޔަ ނަމަވެސް ޤާޟީ އަމުރުކުރައްވާފައި އޮތީ، ހަސްފަތާލުން ދޫކޮށްލާތާ ގިނަވެގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރު ކުރިމައްޗަށް ޙާޟިރުކުރުމަށެވެ.

މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ޢަލީ މަނިކު ކޯޓުގައި އިއްޔެ ބުނީ، އޭނާ މާރާމާރީ ހިންގި ސެލޫނަކީ އޭނާ ކުރީން ވެސް ގޮސް އުޅޭ ތަނެއް ކަމަށެވެ. ނަމަވެސް އެ ދުވަހު ދިޔަ އިރު ނުނިދޭތާ އެތައް ދުވަހެއް ވެފައި ވީ ކަމަށާއި، ވީމާ އޭނާ ހުރީ ހަމަހެޔަކު ނޫން ކަމަށް ކޯޓުގައި އޭނާ ބުންޏެވެ.

މީގެ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތް ޢަލީ މަނިކު މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކުގައި ކަމަށް އިއްޔެ ވަނީ ހާމަކޮށްފައެވެ. ވުމާ އެކު، ޤާޟީ ނިންމެވީ އިތުރު ފަސް ދުވަހަށް ބަންދުކުރާން އަމުރުކުރުމަށެވެ.

ފުލުހުން ކޯޓުގައި ބުނި ގޮތުގައި، ޢަލީ މަނިކު ވަނީ ސެލޫން ތެރޭގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ، އަދި އެކަން ހުއްޓުވަން ދިޔަ ފުލުހަކަށް ވެސް ޙަމަލާ ދީފައެވެ. މި ޙަމަލާގެ ސަބަބުން އެ ފުލުސް މީހާއަށް އަނިޔާވެފައިވާ ކަމަށް ކޯޓުގައި ފުލުހުން ހާމަކުރިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450