ދުނިޔެ

އިންސާނީ އެހީ ދިނުމުގައި ދުނިޔޭގެ “ފަރުވާކުޑަކަން” ފާހަގަކޮށް އ.ދ އިން އެކަން ކުށްވެރިކޮށްފި

އިންސާނީ އެހީ ދިނުމުގައި ދުނިޔޭގެ “ފަރުވާކުޑަކަން” ފާހަގަކޮށް އ.ދ އިން އެކަން ކުށްވެރިކޮށްފި

އެފްރިކާ ބައްރުގެ ޤައުމެއްގައި ކާބޯތަކެތި ބަހަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޑިސެމްބަރު 2025، 02:43

08 ޑިސެމްބަރު 2025، 02:43

އެހީގެ ފައިސާ ލިބުން ވަރަށް ބޮޑަށް ދަށްވެފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިލިއަނުން ގުނާލެވޭ މީހުންގެ ޙާލަތަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ދައްކަމުންދާ "ފަރުވާކުޑަކަން" އ.ދ. (ޔޫ.އެން.) އިން މިއަދު ކުށްވެރިކޮށްފިއެވެ.

މިކަން އ.ދ އިން މިކަން ހާމަކޮށްފައިވަނީ 2026 ވަނަ އަހަރަށް ބޭނުންވާ އިންސާނީ އެހީގެ ގޮވާލުން އިޢުލާންކުރި ހަފްލާގައެވެ.

މިކަން ހާމަކުރެއްވީ ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އެހީތެރިޔާ އިންސާނީ ކަންކަމާބެހޭ ޓޮމް ފްލެޗަރއެވެ. އޭނާ ހުށަހެޅުއްވި ޕްލޭނުގައި، ޣައްޒާ، ސޫދާން، ހައިޓީ، މިޔަންމާ އަދި ޔޫކްރޭން ފަދަ ތަންތަނުގައި ތިބި 87 މިލިއަން މީހުންނަށް އެހީވުމަށް 23 ބިލިއަން ޑޮލަރު އެއްކުރުމަށް އެދިފައިވެއެވެ.

އެހީގެ ފައިސާ ލިބުން ދަށްވެފައިވާ މައްސަލައަށް އަލިއަޅުވާލައްވަމުން ފްލެޗަރ ވިދާޅުވީ، "މިއީ އަނިޔާވެރިކަމުގެ ހައްދުފަހަނައެޅުމާއި، ކުރާ ކުށްތަަކަށް އަދަބު ނުލިބުމާއި، އަދި ފަރުވާކުޑަކަމުގެ ދުވަސްވަރެއް،" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، 23 ބިލިއަން ޑޮލަރުގެ އެދުމަކީ އެހީއަށް އެންމެ ބޮޑަށް ބޭނުންވާ އެތައް މިލިއަން ބަޔަކު ބާކީވާނެ އެދުމެއް ކަމަށެވެ. އެހީގެ އެދުން ކުޑަކުރަން ޖެހުމުގެ ސަބަބުން، އ.ދ. އަށް މަޖުބޫރުވެފައިވަނީ އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް އިސްކަންދޭން ކަމަށް އޭނާ ޤަބޫލުކުރެއްވިއެވެ.

އިންސާނީ އެހީއަށް ބޭނުންވާ މިންވަރު ކުރިއަށްވުރެ ބޮޑުވެފައިވާއިރު، އެހީދޭ ފަރާތްތަކުން ދޭ ފައިސާ ދަށްވެފައިވާކަން ފްލެޗަރ ފާހަގަކުރެއްވިއެވެ. ފައިސާ ކުޑަވުމުގެ އިތުރުން، އެހީދޭ އެޖެންސީތަކަށް ކުރިމަތިވާ އެހެނިހެން ގޮންޖެހުންތަކުގެ ތެރޭގައި ހަނގުރާމަވެރި ސަރަހައްދުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތަށް އޮތް ނުރައްކަލާއި، އެ ސަރަހައްދުތަކަށް ނުވަދެވުން ހިމެނެއެވެ.

މީގެ ކުރިން މެއި މަހު އ.ދ. އިން ނެރުނު ބަސްދީގަތުމެއްގައި ފްލެޗަރ ވަނީ، އިޤްތިޞާދު ދަށްވެ، ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން "އުނދަގޫ ނިންމުންތައް" ނަގަން މަޖުބޫރުވާ އެހީދޭ ޤައުމުތަކާއި، އެހީ ކުޑަކުރާކަމަށް "އުފާފާޅުކޮށް، ފަޚުރުވެރިވާ" ޤައުމުތައް ވަކިކުރައްވާފައެވެ. އޭނާ އެދުވަހު ވިދާޅުވީ، ޤައުމުތަކުގެ ޤައުމީ މަޞްލަހަތު އޮތީ ބޭރުގެ އެހީއަށް ހޭދަކުރުމާއި، ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކަމަށެވެ.

އެހީ ކުޑަކުރުމަކީ "އަންނަން އޮތް އިޤްތިޞާދީ ހީނަރުކަމާއި، މޫސުމީ ބަދަލުތަކާއި، ފަޤީރުކަމާއި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ހިޖުރައިގެ ދަތިތައް" އިތުރުކުރާނެ ކަމެއް ކަމަށް ވެސް އޭނާ އިންޒާރު ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން