ޚަބަރު
މާލޭ 4 ސަރަޙައްދެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މާލޭ 4 ސަރަޙައްދެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް މިހާރު ކުރިއަށްދާއިރު މި އޮޕަރޭޝަންގެ ތެރެއިން އިއްޔެ މާލޭގެ 4 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިއަދު 4 ތަނެއް ވަނީ ބަލައި ފާސްކުރެވިފައި. މި އޮޕަރޭޝަންގައި، ގަވާއިދާ ޚިލާފަށް… pic.twitter.com/paPrQAxZfv
— Maldives Immigration (@ImmigrationMV) December 7, 2025
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެލިސްޓުގައި ބިދޭސީން ވިޔަފާރިކުރުން މަނާ 34 ދާއިރާއެއް ހިމަނާފައިވެއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ ޢިލްތިމާސްކޮށްފައެވެ. އެގޮތުން (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 3333199އަށް ރިޕޯޓް ކުރެވޭއިރު، މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.