Ads by Stelco

ޚަބަރު

ލިޔެކިޔުންތައް ނައްތާލި ކަމަށް ބުނާ މައްސަލައިގައި ފަޒުލްގެ މައްޗަށް ކުށް ސާބިތުނުވޭ

ލިޔެކިޔުންތައް ނައްތާލި ކަމަށް ބުނާ މައްސަލައިގައި ފަޒުލްގެ މައްޗަށް ކުށް ސާބިތުނުވޭ

އެޗް.ޑީ.ސީ.ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް.

farudhun logo

ފަރުދުން

08 ޑިސެމްބަރު 2025، 03:30

08 ޑިސެމްބަރު 2025، 03:30

ހުލާސާ


ހައުސިންގ ޑީވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.)ގެ ސަރވަރގައި ހުރި ލިޔެކިޔުންތަކެއް އަނބުރާ ނުހޯދޭ ގޮތަށް ނައްތާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދާއި އައި.ޓީ. ހެޑު ޢަބްދުﷲ ޝުހޫދުގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަދު ބުނެފިއެވެ.

ޕީ.ޖީ. އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން، އެޗް.ޑީ.ސީ.ގެ ސަރވަރގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ފަޒުލް އާއި ޝުހޫދުގެ މައްޗަށް ޖިނާއީ ދަޢުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާ ނުވާތީ، އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ، ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗް.ޑީ.ސީ.ގެ ސަރވަރގެ ތެރެއިން ދާއިމީކޮށް ޑިލީޓްކޮށްލައި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތެވެ.

ޕީ.ޖީ.އިން ބުނީ، އެޗް.ޑީ.ސީ.ގެ އައި.ޓީ. ޑިޕާޓްމެންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ ކުންފުނީގެ ސަރވަރގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑޭޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި ވެސް، ފަޒުލް އާއި ޝުހޫދު އެޗް.ޑީ.ސީ.ގެ ސަރވަރގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ސާބިތުނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީ.ޖީ.އިން ބުންޏެވެ.

އެހެންކަމުން، އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް އެޗް.ޑީ.ސީ.އިން ގޯތި ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ފުލުހުން ފަޒުލްއަށް ކުރީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތެވެ.

ބިންވެރިޔާ ސްކީމަށް ޝަރުޠު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިން ކަމަށް ބުނާ މައްސަލައާއި، ވިނަރެސް ފުލެޓު ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލައާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނާއި އޭ.ސީ.ސީ. ގުޅިގެން މިދިޔަ އަހަރުން ފެށިގެން އަންނަނީ ތަޙުޤީޤުކުރަމުންނެވެ.

އޭގެ ތެރެއިން ފަޒުލްއަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުޠު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމް.ޑަބްލިއު.އެސް.ސީ.ގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ވެސް ހިމެނެއެވެ. އަދި ޝަރުޠު ހަމަނުވާ އިތުރު ބަޔަކަށް ބިން ދޫކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.

ފުލުހުންނާއި އޭ.ސީ.ސީ.އިން މި މައްސަލަ ތަޙުޤީޤުކުރާތީ، ތަޙުޤީޤަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ބުނެ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 21ވަނަ ދުވަހު ފަޒުލް އެޗް.ޑީ.ސީ.ގެ އެމް.ޑީ.ގެ މަޤާމުން އިސްތިޢުފާ ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން