ދުނިޔެ
އިޒްރޭލްގެ ފުލުހުން ޤުދުސްގައި ހުރި އ.ދ ގެ މަރުކަޒަށް ވަދެގަނެ ސެކިއުރިޓީންގެ ފޯނުތައް ހިފަހައްޓައިފި
އިޒްރާއިލް ސިފައިން ވަދެގަތް މަރުކަޒު
އިޒްރޭލްގެ އަސްކަރިއްޔާގެ ފުލުހުން މިއަދު ހެނދުނުގެ ވަގުތު، ޤުދްސްގެ ޝައިޚް ޖައްރާހް އަވަށުގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯރ ފަލަސްތީން ރެފިއުޖީސް އިން ދި ނިއަރ އީސްޓް (އޫންރާ) ގެ މަރުކަޒަށް ވަދެގަނެ، އެތަން ބަލާފާސްކޮށް، އެތަނުގެ ސެކިއުރިޓީންގެ ފޯނުތައް ހިފަހައްޓައިފިއެވެ.
ފުލުހުންގެ ފަހަތުން އިޒްރޭލްގެ މުނިސިޕަލްޓީގެ ޓީމުތައް ވެސް އެތަނަށް ވަދެފައިވެއެވެ.
އޫންރާ އިން އިނގިރޭސި ބަހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލްގެ ގިނަ އަދަދެއްގެ ސެކިއުރިޓީ ފޯސްތައް އެތަނަށް އައިސް، އަދިވެސް އެތަނުގައި ތިބި ކަމަށާއި، ކޮމިއުނިކޭޝަން ކެނޑިފައިވާތީ އިތުރު މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މިވަގުތު އދ. ގެ އެއްވެސް މުވައްޒަފެއް އެ ސައިޓުގައި ނެތް ކަމަށާއި، އިޒްރޭލްގެ ސެކިއުރިޓީ ފޯސްތައް ހުއްދަ ނެތި ބާރުގެ ބޭނުންކޮށްގެން ވަދެފައިވާތީ، މިއީ އދ. ގެ އެޖެންސީއެއްގެ ގޮތުން އޫންރާ އަށް ލިބިފައިވާ އިމްތިޔާޒުތަކާއި އިމިއުނިޓީއާ ޚިލާފުވާ، ޤަބޫލުނުކުރެވޭނެ ޢަމަލެއް ކަމަށެވެ.
އޫންރާ އިން ފާހަގަކުރި ގޮތުގައި، އިޒްރޭލަކީ އދ. ގެ އިމްތިޔާޒުތަކާއި އިމިއުނިޓީގެ އެއްބަސްވުމުގައި ބައިވެރިވެފައިވާ ފަރާތެއް ކަމަށާއި، އެ އެއްބަސްވުމުގައި އދ. ގެ މަރުކަޒުތަކާއި މުދާތައް ބަލާފާސްކުރުމާއި ހިފަހައްޓައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަލްޖަޒީރާ ނެޓަށް ދެއްވި ބަސްދީގަތުމެއްގައި އޫންރާގެ މީޑިއާ ތަރުޖަމާނު އަދުނާން އަބޫ ޙަސްނާ ވިދާޅުވީ، މި މަރުކަޒު މިހާރު ހިނގަމުން ނުދާ ކަމަށާއި، އިޒްރޭލްގެ ފަހުގެ ނިންމުންތަކަށް ފަހު ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށެވެ.
އަދި އެތަނުގައި ހުރީ ހަމައެކަނި ބައެއް ސެކިއުރިޓީން ކަމަށާއި، މިއީ އާދައިގެ ކަމެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މޯޓަރު ސައިކަލްގައި އައި އިޒްރޭލް ފުލުހުންގެ ބައެއް މީހުން އެތަނަށް ވަދެ، ބަލާފާސްކުރި ސަބަބެއް ނުވަތަ އެމީހުން ހޯދާ އެއްޗެއްގެ ބާވަތެއް ހާމަނުކޮށް ސެކިއުރިޓީންގެ މޯބައިލް ފޯނުތައް ހިފަހައްޓާފައިވާ ކަމަށެވެ.
އަބޫ ޙަސްނާ ވިދާޅުވީ، "މިވަގުތުވެސް މަރުކަޒުގެ ތެރޭގައި ކަންތައްތައް ހިނގަމުންދާ ގޮތެއް އަޅުގަނޑުމެންނަށް ނޭނގެއެވެ. އަދި ހޯދަމުންދާ ވަކި ފައިލްތަކެއް ހުރިކަމުގެ އެއްވެސް މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ." އޭނާ ވިދާޅުވީ، މަރުކަޒު ބަންދުކޮށްފައިވާތީ، އެތަނުގައި ކަންބޮޑުވާންޖެހޭ ނުވަތަ ޤުދްސްގެ ބޭރަށް ބަދަލުކުރަންޖެހޭ ފަދަ ސެންސިޓިވް އެއްޗެއް ހުންނާނެ ކަމަށް ޤަބޫލުނުކުރާ ކަމަށެވެ. ފަލަސްތީނުގެ ރެފިއުޖީންގެ އަރުޝީފު ފަސް އޮޕަރޭޝަން ސަރަހައްދުގައި ފުރިހަމައަށް ރައްކާކުރެވިފައިވާ ކަމަށާއި، އޫންރާ އިން މިލިއަނަށް ވުރެ ގިނަ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ފިލްމުތައް ޑިޖިޓަލައިޒް ކޮށްފައިވާ ކަމަށާއި، ބާކީ ހުރި މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އދ. ގެ މި އޮފިޝަލް ވިދާޅުވިއެވެ.
މިއީ މައިގަނޑު ފައިލްތަކަށް ގެއްލުންވުމުގެ ފުރުސަތު ނެތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަބޫ ޙަސްނާ ޔަޤީންކޮށްދެއްވީ، ޝައިޚް ޖައްރާހްގެ މަރުކަޒު ބަންދުކުރި ހިސާބުން ފެށިގެން އޫންރާ އިން އެމީހުންގެ ފައިލްތައް ރައްކާތެރިކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށާއި، އަދި މި ވަދެގަތުމުގެ ތަފްސީލުތަކާއި ނަތީޖާތައް ދެނެގަތުމަށް އދ. އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ޤުދްސްގެ ގަވަރުނަރުގެ އޮފީހުން ވަނީ އިޒްރޭލްގެ ސިފައިން އޫންރާގެ މަރުކަޒަށް ވަދެގަތުން ކުށްވެރިކޮށްފައެވެ. މިއީ އދ. ގެ މުއައްސަސާތަކުގެ އިމިއުނިޓީއަށް ހަމަލާދިނުމެއް ކަމަށާއި، އޫންރާގެ މުއްދަތު އާ ކުރުމަށް އާންމު މަޖިލީހުން ފާސްކުރި ފަހުގެ ޤަރާރަށް ސީދާ ގޮންޖެހުމެއް ކަމަށް އެ އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނީ، ރެފިއުޖީންނަށް ޚިދުމަތްދޭ އދ. ގެ އެޖެންސީއަކަށް އަމާޒުކުރުމަކީ ބައިނަލްއަޤްވާމީ ނިޒާމަށާއި، ޤުދްސްއަކީ އަސްކަރީ ބާރުގެ ދަށަށް ގެނެސްފައިވާ ސަރަހައްދެއް ކަމަށް ބުނާ ބައިނަލްއަޤްވާމީ ޤާނޫނަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.