ޚަބަރު
ޚާރިޖީ ވަޒީރު ޚަލީލް ޤަޠަރަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ޚާރުޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް
ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ޤަޠަރުގެ ދޯހާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މިމަހުގެ 6 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ދޯހާގައި ކުރިއަށްދިޔަ ފޯރަމްގެ 23 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ޚާރިޖީ ވުޒާރާއިން އާއްމުކުރި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުން، ޑރ. ޚަލީލް ވަނީ މި ފޯރަމްގައި، ބައިނަލްއަގްވާމީ ޢަދުލުގެ ނިޒާމުތަކާއި ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓުން މި މައުޟޫއަށް ބޭއްވި އިސް ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ ގުޅުންތަކާއި، ޤާނޫނުގެ ޙުކޫމަތާއި، ބައިނަލްއަޤްވާމީ ޢަދުލުގެ ނިޒާމުތައް ވަރުގަދަ ކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކުރައްވާފައެވެ.
ދޯހާ ފޯރަމްގެ 23 ވަނަ ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށްޓަކައި ބޭއްވި މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްވެރިންނާއި ވަޒީރުންނާއި މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދުނިޔޭގެ މުހިންމު މައްސަލަތަކާ ގުޅޭ މި ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ގުޅިގެން މަސައްކަތް ކުރުމާއި، ދުނިޔޭގެ މައްސަލަތަކާއި، ވެރިކަމުގެ ހަމަތަކާއި، އަދުލުވެރިކަމާއި، ބައިނަލްއަޤްވާމީ ގުޅުންތަކަށް ހައްލު ހޯދުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަވެގެންދާ ކަމެކެވެ.
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އާއި، ދޯހާގައި ހުންނަ ދިވެނިރާއްޖޭގެ އެމްބަސީގެ ޝާޒެ ޑީ އެފެއާޒް މުހައްމަދު ދީދީއާއި، ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނައީމް އާއި، ދޯހާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަހުސީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.