ޚަބަރު
ޑޭޓާގެ މައްޗަށް ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމްކުރަންޖެހޭ: ޑރ. ކިނާނަތު
ސްޓޭޓް މިނިސްޓަރ ވާހަކަ ދެއްކެވުން/ފޮޓޯ: ވުޒާރާ
ޑޭޓާގެ މައްޗަށް ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމްކުރަންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޕްލިކޭޝަން އައު ފީޗަރސްތަކަކާއެކު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ކިނާނަތު ވިދާޅުވީ، އިންފޮމޭޝަން ސިސްޓަމްތަކެއް ހަދައި، ގިނަ ޑޭޓާ ލިބުނު ނަމަވެސް ޑޭޓާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމަށެވެ. އަދި ޑޭޓާގެ އަލީގައި ނިންމުންތައް ނިންމުން އެއީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ކިނާނަތު ވަނީ ބޭރު ޤައުމުތަކުގައި ވެސް ނިންމުންތައް ނިންމަނީ ޑޭޓާ އެނަލައިސްކޮށްގެން ކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދިރާސާކުރުން އެއީ މުހިންމު ކަމެއް ކަމަށާއި ޑޭޓާގެ މައްޗަށް ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމުކުރަންޖެހޭ ކަމަށް ކިނާނަތު ވިދާޅުވިއެވެ.
މީގެ އިތުރުން، އިދާރާތަކުން ހަދާ ސޮފްޓްވެއަރތަކާއި ބޭނުންކުރާ ހަރޑްވެއަރތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ ސްޓޭޓް ވަނީ ރާއްޖޭގައި ފަންނިއްޔާތާ ގުޅުންހުރި ޤާނޫނުތަކެއް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. ހަމަ އެއާއެކު، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ޑރ. ކިނާނަތު ވަނީ ފާހަގަކުރައްވާފާ އެވެ.
ސައިބަރ ސެކިއުރިޓީއާ ބެހޭ ޤާނޫނާއި ޑޭޓާ ޕްރޮޓެކްޝަންއާ ބެހޭ ޤާނޫނުގެ ޑްރާފްޓް އެކުލަވާލައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ވާނީ ފޮނުވާފަ. ޑިޖިޓަލް އައިޑީގެ ޤާނޫނަކާއި މޯލްޑިވްސް 2.0 ގެ ޤާނޫނެއް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން. މީގެ އިތުރުން އާޓިފިޝަލް އިންޓަލެޖެންސްއާ ބެހޭ ޤާނޫނެއްވެސް ހެދޭނެ. މި ޤާނޫނުތައް ހެދުމުގެ މަސައްކަތްކުރަމުން އަންނަނީ މޯލްޑިވްސް 2.0 ގެ މަޝްރޫޢުގެ ދަށުން ފަންނިއްޔާތުގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތަކެއް ހޯދުމުގެ މަޤުޞަދުގައި.
ސްޓޭޓް މިނިސްޓަރ ކިނާނަތު ވިދާޅުވިއެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ޙާޞިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ، ޑިޖިޓަލް ވަޞީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.