ޚަބަރު
އެމްޑީޕީގެ ވަގުތީ ޗެއާރޕާސަންގެ މަޤާމަށް ޣަފޫރު އިންތިޚާބުކޮށްފި
އެމްޑީޕީގެ ވަގުތީ ޗެއާރޕާސަންގެ މަޤާމަށް އިންތިޙާބުވުމަށްފަހު މަޖިލީހުގެ މެންބަރުންނާ މުޙާތަބުކުރުން / ފޮޓޯ: ސަން
ފަރުދުން
09 ޑިސެމްބަރު 2025، 06:25
09 ޑިސެމްބަރު 2025، 06:25
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއަރޕާސަންގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ އިންތިޚާބު ކޮށްފިއެވެ.
މި މަޤާމަށް ޣަފޫރު އިންތިޙާބު ކުރެވުނީ، ހޯމަ ދުވަހުގެރޭ އެ ޕާޓީއިން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެގޮތުން އެ މަޖިލީހުގައި 66 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، އޭގެ ތެރެއިން 65 މެންބަރުން ވަނީ ޣަފޫރުއަށް ވޯޓު ދެއްވާފައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވީ، މިދިޔަ މަހު އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ފައްޔާޒް އިސްތިއުފާ ދެއްވާފައިވަނީ ޕާޓީ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން އެ ކަންކަން ޙައްލު ކުރުމަށް ކުރެއްވި މަސައްކަތަށް އެންމެ އެކަށީގެންވާ ކުރިއެރުންތަކެއް ނުލިބުމުން ކަމަށް ވަނީ ވިދާޅުވެފައެވެ.
މި މަޤާމަށް އަލަށް އިންތިޙާބުކުރި ޣަފޫރަކީ އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެންމެ ދުވަސްވީ މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ.