ކުޅިވަރު
ސެންޓޭގެ ބޭބެ ފާއްޓޭ ވެސް ނިއު ރޭޑިއަންޓާ ގުޅިއްޖެ
ގޯލްޑް ކަޕްގައި އޭދަފުށި ޓީމުގައި މުޙައްމަދު ފާސިރު ވަނީ މޮޅު ކުޅުމެއް ދައްކާފައި---
ނިއު ރޭޑިއަންޓުގެ ކެޕްޓަނެއްގެ މަޤާމު އަދާކުރަމުން އަންނަ ޢަލީ ފާސިރު (ސެންޓޭ)ގެ ބޭބެ މުޙައްމަދު ފާސިރު (ފާއްޓޭ) ވެސް އެ ޓީމާ ގުޅިއްޖެއެވެ.
ފާއްޓޭއަކީ ފުޓްސަލް ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު އޮތް ގޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައެވެ.
ފާއްޓޭއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައަށް އާ ކުޅުންތެރިއެއް ނޫނެވެ. އޭނާ ފުރަތަމަ ފަހަރަށް ދިވެހި ލީގުގެ މެޗެއް ކުޅެފައި ވަނީ މީގެ 19 އަހަރު ކުރިން 2006ގައެވެ. އެ ފަހަރު ފާއްޓޭއާއެކު ސެންޓޭ ވެސް ފެނުނީ ކްލަބް އީގަލްސްއިންނެވެ.
އޭގެ ފަހުން 2008ވަނަ އަހަރު އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް)އާ ގުޅި، އެ ޓީމާއެކު ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ޓީމުގައި ވެސް އޭނާ ހިމެނުނެވެ. އޭވައިއެލްއިން ވެސް ފާއްޓޭއާއެކު ސެންޓޭ ފެނުނެވެ.
ފާއްޓޭ ފުރަތަމަ ޑިވިޝަނަށް ކުޅުން ހުއްޓާލީ އޭވައިއެލްއަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ނަމަވެސް ރަށު ފެންވަރުގެ މުބާރާތްތަކުން އޭނާ ފެނުނެވެ. ގިނަ ކާމިޔާބީތަކެއް ވެސް އަންނަނީ ހޯދަމުންނެވެ.
އޭވައިއެލްއަށްފަހު ފާއްޓޭ މި އަހަރު ޓީސީ ސްޕޯޓްސް ކްލަބުން ފެނުނެވެ. އެ ޓީމާއެކު އޭނާ ވަނީ މި އަހަރު ބޭއްވި އެފްއޭއެމް ލީގު ކަޕްގައި ކުޅެފައެވެ.
ފާއްޓޭ ނިއުއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ.
ދެވަނަ ބުރުގައި ނަތީޖާ ރަނގަޅު ކުރުމަށް ނިއުއިން ދަނީ ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ގެންނަމުންނެވެ. އެގޮތުން އީގަލްސްގެ ޒުވާން ފޯވަޑް އަޙުމަދު ރިޒްވާން (ރިޒޭ) އާއި ބުރު ސްޕޯޓްސް ކްލަބަށް ކުޅެމުން ދިޔަ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވެސް ވަނީ ގެނަސްފައެވެ.
ދިވެހި ލީގުގެ ފުރަތަމަ ބުރު މިހާރު ނިމިފައިވާއިރު، ނިއުއޮތީ ލީގުގެ ތިން ވަނައިގައެވެ.