ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި، މަތީ މަޤާމެއްގައި ހުރި ފުލުހަކު ހައްޔަރަށް!
ސިނގިރޭޓް ކާޓަންތައް/ފޮޓޯ: ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ވަގަށް ނެގި މައްސަލާގައި، ފުލުހުންގެ މަތީ މަޤާމެއްގައި ހުރި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، އުމުރުން 39 އަހަރުގެ މުނައްވަރު އާދަަމް ކަމަށެވެ. އަދި މުނައްވަރު އާދަމަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފަކަށް ވާއިރު، މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، ޤާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓު ގެންގޮސްފައިވާ ކަމަށާއި، މިތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިއަހަރު މެއި މަހުގެ 23 ވަނަ ދުވަހު ނެގި ތަކެތި ކަމަށެވެ. އަދި ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި މިތަކެތި ބަހައްޓާފައި ހުއްޓާ، މީގެ ތެރެއިން 6 ކާޓަންގެ ސިނގިރޭޓު މަދުވި މައްސަލައެއް މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ ފާހަގަކުރެވިފައެވެ. ފުލުހުން ވިދާޅުވީ، މިތަކެތި މަދުވިކަން އެނގުނީ، މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް އުޅުމުގެ ތެރެއިން ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މިމައްސަލައިގެ ތަހުގީގު ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ތަހުޤީޤުކުރަމުން ދަނިކޮށް، މީގެ ކުރިންވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ޑިސެންބަރު މަހު 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި ދެ މައްސަލައާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ފުލުހުން ކުރަމުންދާއިރު، މައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.