ޚަބަރު
ޙަޤީޤީ މާނާގައި ކައުންސިލުތައް ހިންގުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން: ވަޒީރު
ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ
ޙަޤީޤީ މާނާގައި ކައުންސިލުތައް ހިންގުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސްޓެލްކޯގައި މިއަދު ފެށި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލާ ވަޒީރު ވިދާޅުވީ، ކައުންސިލުތަކުން ކުރެވޭ މަސައްކަތްތަކަކީ ހަރުދަނާ، މީހުން ބަލައިގަންނަ އަދި އިތުބާރުކުރާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި އިންޓަރނަލް އޮޑިޓަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ދޭ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންޓަރނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުންދާއިރު ހެދިދާނެ ގޯހަކުން ސަލާމަތްވެ، ރައްކާތެރިވުމަށްޓަކައި ދުރާލާ ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކުރުމެވެ.
ޙަޤީޤީ މާނާގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު ބޭނުންވާނެ އެއް ނިޒާމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން.
ވަޒީރު ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ، އެ ކޮންފަރެންސުގައި މާލިއްޔަތު ޤާނޫނު ތަންފީޒުކުރަމުން ދާއިރު ކައުންސިލްތަކުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލާ މަޝްވަރާކުރަން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ ކޮންފަރެންސް ނިމިގެން ދާއިރު ލާމަރުކަޒީ ޤާނޫނު އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.
ޖުމްލަ 47 ބައިވެރިންނާއެކު ކުރިއަށްދާ މި ކޮންފަރެންސްގައި މާލީ ވުޒާރާފެ ބޭފުޅުން އަދި ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެން އިންޓަރނަލް އޮޑިޓްކުރުމާ ގުޅޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވެއެވެ. މިއީ، މިގޮތަށް ކައުންސިލްތަކުގެ އިންޓަރނަލަ އޮޑިޓަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފޯރަމަށްވީއިރު، ކުރިއަށް އޮތް ތަނުގައި މި ފޯރަމް ސިލްސިލާ ފޯރަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.