ޚަބަރު
މާލޭ ގެއެއްގެ ތެރޭގައި ދެ ލޯބިވެރިއެއްގެ ދެމެދު ހިނގި ޒުވާބެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި
މާލެ/ފޮޓޯ: ސަން
މާލޭ ގެއެއްގެ ތެރޭގައި ދެ ލޯބިވެރިއެއްގެ ދެމެދު ހިނގި ޒުވާބެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރީގައި އަނިޔާވެފައި ވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެގޮތުން، މި ދެމީހުންގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި މާރާމާރީގައި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވާތީ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.