ޚަބަރު
ރަށެއްގެ އިޚުތިޞާޞްގައި ހިމެނޭ ފަޅު ރަށަކަށް ދިޔުމަކީ އެ ރަށުން ބޭރަށް ދިޔުމެއް ނޫން: ކާށިދޫ ކައުންސިލު
ކާށިދޫ ކައުންސިލުގެ މެންބަރުންނާ ރައީސް ޑރ. މުޢިއްޒު ބައްދަލުކުރެއްވުމުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
09 ޑިސެމްބަރު 2025، 02:42
09 ޑިސެމްބަރު 2025، 02:42
ކ. ކާށިދޫ ކައުންސިލުގެ ފަރާތުން، ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ގދ. އަތޮޅުގެ ފަޅުރަށްތަކަކަށް ދިޔަ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނި ނަމަވެސް، އެއީ ގދ. ތިނަދުއަށް ކުރި ދަތުރެއް އެކަނި ކަމަށް ކާށިދޫ ކައުންސިލުން ބުނެފިއެވެ.
އިއްޔެ އޮޑިޓް އޮފީހުން ޢާންމުކުރި ކާށިދޫ ކައުންސިލުގެ 2022 އަދި 2023ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، އިދާރީ މުވައްޒަފުންނާ އެކު ޖުމުލަ 18 މީހަކު، 2022ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން 2023ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2ވަނަ ދުވަހާ ހަމަޔަށް، ގދ. އަތޮޅުގެ ބައެއް ރަށްތަކަށް "ތަޖުރިބާ ދަތުރެއް" ކުރިއެވެ.
އެ ދަތުރަށް ކައުންސިލު ބަޖެޓުން 170،726ރ. ޚަރަދުކޮށްފައިވާ ކަމަށާއި، މީހުން ދިރިނޫޅޭ ގދ. ކަފެނާގެ އިތުރުން، ގދ. ލާބަދުއަށް ދިޔުމަށް އެ ދަތުރުގައި 4،400ރ. ކައުންސިލުގެ ބަޖެޓުން ހޯދާފައިވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ވެއެވެ. ނަމަވެސް އެ ރަށްތަކަށް ދިޔުމުގެ ބޭނުމާއި މަޤުޞަދު ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައި ވުނާ ކަމަށް، އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކާށިދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޢާމިރު މިއަދު މަޢުލޫމާތު ދެއްވި ގޮތުގައި، ގުޅުން ބަދަހިކުރުމަށްޓަކައި، ތަޖުރިބާ ދަތުރެއްގައި ކާށިދޫ ކައުންސިލުން ފަޅު ރަށްތަކަކަށް ދިޔަ ކަމަށް އޮޑިޓު ރިޕޯޓުގައި އޮތަސް، އެއީ ތިނަދޫ ކައުންސިލާ ގުޅިގެން، އެ ރަށުގެ އިޚުތިޞާޞްގައި ހިމެނޭ ފަޅު ރަށަކަށް ދިޔަ ވާހަކައެވެ.
ކާށިދޫ ކައުންސިލުގެ ރައީސް އިޝާރަތްކުރެއްވި ގޮތުގައި، އެ ރަށަކީ ތިނަދޫގެ އިޚުތިޞާޞްގައި ހިމެނޭ ރަށެއް ކަމުގައި ވުމުން، އެ ރަށަށް ދިޔުމަކީ ތިނަދުއިން ބޭރަށް ދިޔުން ކަމުގައި ބެލެވިގެން ނުވާނެއެވެ.
ވިސްނާލާ، ކޮންމެ ބޭފުޅަކަށް ވެސް އެނގޭނެ ކައުންސިލަކުން ނުދާނެކަން ތަޖުރިބާ ހޯދާކަށް ފަޅު ރަށަކަށް. އޮޑިޓުގެ ޑްރާފްޓުގައި އެހެން ހިމަނާފައި އޮތުމުން އެ ކަން ރަނގަޅު ކުރަން، އެ ކަން އިޞްލާޙުކުރަން އަޅުގަނޑުމެން ބުނިން. އޮޑިޓުގައި ޖަހާފައި އެބައޮތް އަޅުގަނޑުމެން އެ ތަޖުރިބާ ދަތުރު ކުރީ ގުޅުން ބަދަހިކުރަން ކަމަށް. އަޅުގަނޑުމެން އެހެންނެއް ނުބުނަން. އިޞްލާޙުކުރަން ވެސް އޮޑިޓުގައި އެދުނިން، ޑްރާފްޓުގައި އެހެން ހިމަނާފައި އޮތުމުން. އަޅުގަނޑުމެން ބުނި އެއްޗެއް ނޫނޭ އެއީ.
ކ. ކާށިދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޢާމިރު
ކާށިދޫ ކައުންސިލުގެ ރައީސް ވިދާޅުވީ، އޮޑިޓުގައި އޮތް ވާހަކަ އެ އޮތް ގޮތަށް އޮތުމަކީ، ވަރަށް ޒިންމާދާރީ ކުޑަކޮށް ކޮށްފައިވާ ޢަމަލެއް ކަމަށާއި، އޮޑިޓު ކުރަނީ ލާމަރުކަޒީ ޤާނޫނަށް ބެލުމެއް ނެތި ކަމަށެވެ.