ވިޔަފާރި / ޚަބަރު
މި އަހަރުގެ ތިންވަނަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ހުރިހައި ދާއިރާއެއް ކުރިއަރައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފޮޓޯ: މޯލްޑިވްސް ޖަރނަލް
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ކުއާޓަރލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކާގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ހުރިހައި ދާއިރާއެއް ކުރިއަރާފައިވެއެވެ. މި ރިޕޯޓުގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާ ފިޔަވާ، ސަރވޭކުރެވުނު ހުރިހައި ދާއިރާއެއްގައި ވިޔަފާރިކުރާ މިންވަރު މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ.
އެމްއެމްއޭގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު ހީނަރުވެފައިވީ ނަމަވެސް، ޑިމާންޑް ހިފެހެއްޓިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މަސައްކަތްތެރިންގެ އަދަދަށް ބަލާއިރު، ތިންވަނަ ކުއާޓަރުގައި ޖުމުލަ ގޮތެއްގައި ހުރިހައި ދާއިރާއެއްގައިވެސް މުވައްޒަފުންގެ އަދަދު އިތުރުވެފައިވެއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުވާ މިންވަރު ހުރީ މަޑުޖެހިފައެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ 2024 ސެޕްޓެންބަރު 25 އިން އޮކްޓޫބަރު 12 ގެ ނިޔަލަށެވެ. މި ސަރވޭގައި ޖުމުލަ 160 ބޮޑެތި ކުންފުންޏަކަށް ބައިވެރިވުމަށް ފޯމު ފޮނުވާފައިވާއިރު، މީގެ ތެރެއިން 70 އިންސައްތަ ކުންފުނިން ބައިވެރިވެފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. ސަރވޭގައި ހިމެނުނު މައިގަނޑު ހަތަރު ދާއިރާއަކީ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއެވެ.
އަންނަ ހަތަރުވަނަ ކުއާޓަރުގެ އުއްމީދުތަކަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ކަމަށްވުމާއެކު، 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާނެކަމަށް ލަފާކޮށްފައިވެއެވެ. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އަދި ރިސޯޓު ބުކިންސް އިތުރުވާނެކަމަށް އަންދާޒާކުރެއެވެ.
ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ކުރިއެރުން މިންކުރެވޭ މައިގަނޑު އިންޑިކޭޓަރުތަކުން ވިޔަފާރިކުރާ މިންވަރު ކުރިއަރަމުންދާ މިންވަރު މަޑުޖެހިފައިވީނަމަވެސް، އިމާރާތްކުރުމުގެ ދާއިރާއާއި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގެ ވިޔަފާރިތަކުން އަންނަ ކުއާޓަރުގައި މި ދާއިރާތައް އިތުރަށް ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވެއެވެ. މާލީ ހާލަތަށް ބަލާއިރު، އިމާރާތްކުރުމުގެ ދާއިރާ ފިޔަވާ، އެހެން ހުރިހާ ދާއިރާއެއްގައި ހިމެނޭ ވިޔަފާރިތަކުން އަންނަ ކުއާޓަރުގައި މާލީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ލަފާކުރެއެވެ. ނަމަވެސް، އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތަކުން ލަފާކުރަނީ އަންނަ ކުއާޓަރުގައި މާލީ ހާލަތު ރަނގަޅުވާ މިންވަރު މަޑުޖެހިގެންދާނެކަމަށެވެ.
އެމްއެމްއޭއިން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު ހިންގާ މި ބިޒްނަސް ސަރވޭގެ މަޤްޞަދަކީ، ކުރު މުއްދަތުގައި އިޤްތިޞާދުގައި ހިމެނޭ މުހިންމު ދާއިރާތަކަށް އަންނަ ބަދަލުތަކާއި، ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާ ގުޅޭގޮތުން، ބޮޑެތި ވިޔަފާރިތަކުގެ ނަޒަރިއްޔާތު ދެނެގަތުމެވެ. މި ސަރވޭއަކީ އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް އެހީތެރިވެދިނުމަށް ހިންގޭ މުހިންމު ދިރާސާއެކެވެ.