ދުނިޔެ
ސަޢުދީ-ގަތަރު ދެ ޤައުމުގެ ވެރިރަށް ގުޅުވައިލާ ހައި-ސްޕީޑް ރެއިލް ލައިނެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ސައުދީ އަދި ގަތަރުގެ އިސްވެރިން ފޮޓޯ: އިންޓަނެޓް
ސަޢުދީ އަރަބިއްޔާ އާއި ގަތަރު ގުޅުން ބަދަހިކުރުމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި، ދެ ޤައުމުގެ ވެރިރަށް ގުޅުވައިލާ ހައި-ސްޕީޑް ރެއިލް ލައިނެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ، އަހަރުތަކެއް ވަންދެން ހުރި ސިޔާސީ ހިޔާލުތަފާތުވުންތަކަށް ފަހު، ދެ ގަލްފު ޤައުމުގެ ގުޅުން ހަމަޖެހި، އިތުރަށް ރަނގަޅުވަމުންދާ ކަމުގެ އިތުރު ހެއްކެކެވެ.
ސަޢުދީ ސަރުކާރުގެ ރަސްމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އަލަށް އިއުލާނުކުރި މި މަޝްރޫޢުގެ ދަށުން، ރިޔާޟް އާއި ގަތަރުގެ ވެރިރަށް ދޯހާ ގުޅުވައިލާނެ އިލެކްޓްރިކް ޕެސެންޖަރ ރެއިލް ސިސްޓަމެއް ޤާއިމުކުރެވޭނެއެވެ. މި ރެއިލް ލައިނުގައި ސަޢުދީ އަރަބިއްޔާގެ އަލް-ހޫފޫފާއި ދައްމާމްގައިވެސް މަޑުކޮށްފައިދެވޭނެއެވެ. މިކަމުގެ ސަބަބުން ސަރަޙައްދުގައި ފުޅާ ދަތުރުފަތުރުގެ ކޮރިޑޯއެއް އުފެދިގެންދާނެއެވެ.
މި ހައި-ސްޕީޑް ރެއިލް ދުވާނީ ގަޑިއަކު 300 ކިލޯމީޓަރަށް ވުރެ ބާރު މިނުގައެވެ. މިއީ ދެ ވެރިރަށް ދެމެދު ދަތުރުކުރުމަށް ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ ވަގުތު ނަގާނެ ދަތުރެކެވެ. މިހާރު ދެ ވެރިރަށް ދެމެދު ސީދާ ފްލައިޓަކުން ދަތުރުކުރުމަށް ނަގަނީ ގާތްގަނޑަކަށް 90 މިނިޓު ކަމަށްވާއިރު، ރެއިލް ދަތުރުފަތުރަށް އިތުރަށް ނަގާނީ އެއަށްވުރެ ކުޑަ ވަގުތުކޮޅެކެވެ. ސަޢުދީ އޮފިޝަލުން އަންދާޒާ ކުރައްވާ ގޮތުގައި، މި މަޝްރޫޢު ނިމުމަށް ގާތްގަނޑަކަށް ހަ އަހަރު ދުވަސް ނަގާނެއެވެ. އަދި ހިދުމަތް ދޭން ފެށުމުން، ކޮންމެ އަހަރަކު 10 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދެ ގަލްފު ޤައުމު ގުޅިގެން ހިންގާ އެންމެ ބޮޑެތި ދަތުރުފަތުރުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލް ޘާނީ ރިޔާޟަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އަމީރު ތަމީމާއި ސަޢުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ގުޅިވަޑައިގެން މި މަޝްރޫޢުގެ ލިޔެކިޔުންތަކުގައި ސޮއިކުރެއްވިއެވެ. މި ބައްދަލުވުމުން ދައްކުވައިދެނީ 2021 ވަނަ އަހަރު ސިޔާސީ ގުޅުން އަލުން ބަދަހިކުރެވުނު ފަހުން، ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ކުރިއަރަމުންދާކަމެވެ.
ސަޢުދީ އަރަބިއްޔާ، ޔޫ.އޭ.އީ.، ބަޙްރެއިން އަދި މިޞްރުން 2017 ވަނަ އަހަރު ގަތަރުއާ ދެމެދު ސިޔާސީ އަދި ދަތުރުފަތުރުގެ ގުޅުން ކަނޑާލާފައިވެއެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުނު އަލްއުލާ ސަމިޓްގެ ފަހުން ގުޅުންތައް ވަނީ މުޅިން އަލުން ބަދަހިކުރެވިފައެވެ. އެފަހުން، ދެ ޤައުމުގެ ލީޑަރުން ގިނަ ބައްދަލުވުންތައް ބާއްވައި، މުހިއްމު ސަރަޙައްދީ މައްސަލަތަކުގައި އެއްބައިވަމުންދެއެވެ. ޣައްޒާގައި ހަމަލާ ހުއްޓާލުމަށް ގޮވާލާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ރިޔާޟް އާއި ދޯހާއިން ގުޅިގެން ތާއީދުކޮށްފައިވެއެވެ. އަދި މި އަހަރުގެ ކުރީކޮޅު އިޒްރޭލާއެކު ގަތަރުގެ ހާލަތު ވަރަށް ނާޒުކުވި ދަނޑިވަޅުގައި ސަޢުދީ އަރަބިއްޔާއިން ވަނީ ގަތަރަށް ފާޅުގައި ތާއީދުކޮށްފައެވެ.