ޚަބަރު
ރާއްޖެއަށް މެޑިކަލް ސާމާނު ގެންނަ ކުންފުނީގެ ބޯޑުގެ ޗެއަރޕަރސަނަކަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް!
ހަލީމް/ފޮޓޯ: ދައުރު
މެޑިކަލް ސާމާނު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި 'ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް' ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ޢައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކޮށްފައިވާ ކަމަށެވެ. އެގޮތުން، މި ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ޢައްޔަނުކޮށްފައިވަނީ، މ. ރަނިކަ، އަލްފާޟިލް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އެވެ. ޙަލީމް އަކީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އެވެ.
މި ކުންފުންޏަކީ، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކުންފުންޏެކެވެ. ހަމަ އެހެންމެ، މި ކުންފުންޏަކީ އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފައްދަވައިފައިވާ ކުންފުންޏެއްކަމަށް ރައީސް އޮފީހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި ކުންފުންޏަކީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.