ޚަބަރު
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވަޒީރު ޝިޔާމް ދުވާފަރަށް!
ވަޒީރު ދުވާފަރަށް ވަޑައިގަތުން/ފޮޓޯ: ވުޒާރާ
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބައްވާޙަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް އެރަށަށް ވަޑައިގަންނަވައިފިއެވެ.
ވަޒީރަށް ދުވާފަރުން މަރުޙަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަލީ އާއި، ދުވާފަރު ކައުންސިލްގެ ރައީސްއާއި، ކައުންސިލްގެ އިސްވެރިންނާއި، ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ސަޤާފީ ޙަރަކާތްތަކާއި އެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތައް ދުވާފަރުގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި، މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި، ކުޑަކުދިންނަށް ޚާއްޞަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި، މަސްކެނޑުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަރަކާތްތައް ބައްލަވާލެއްވުމަށާއި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ރޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.