ޚަބަރު
މީސް މީޑީއާގެ އެކި މަންސަތަކުން ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް: ޑރ. ކިނާނަތު
ޑރ. ކިނާނަތު/ފޮޓޯ: ވުޒާރާ
މީސް މީޑީއާގެ އެކި މަންސަތަކުން ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނައިބު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ޑރ. ކިނާނަތު މިފަދައިން ވިދާޅުވީ، ސައިބަރ ޙަމަލާތަކަށް ރައްކާތެރިވުމުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޓީމުތަކަށް ތަމްރީނު ދިނުމަށާއި، ކުޑަކުދިން މީސް މީޑިއާގެ އެކި މަންސަތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އަހުލުވެރިކުރުމަށް މީހުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކިނާނަތު ވިދާޅުވީ، އޮންލައިންކޮށް ދިމާވާ ނުރައްކާތަކުންނާއި ގެއްލުންތަކުން ކުދިން ސަލާމަތް ކުރުމަށްޓަކައި، އިންޓަރނެޓު މެދުވެރިކޮށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ ބާރު އެކުދިންނަށް ދިނުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްތައް ކުރުން މުހިންމު ކަމަށެވެ. އަދި ކޮންމެ ދެބައިކުޅަ އެއް ސިކުންތަކުން ފުރަތަމަ ފަހަރަށް ކުއްޖަކު އިންޓަނެޓަށް ވަންނައިރު މީގެ ކުރިން ނުދެކޭހާ ބާރު ދުވެއްޔެއްގައި ކުދިން ޑިޖިޓަލް ދުނިޔެއަށް ވަންނަމުންދާކަން ކިނާނަތުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސައިބަރ މައްސަލަތަކަކީ، މިއަދު ދިވެހި ރާއްޖޭގައި ސައިބަރގެ ހާލަތު ހުރި ގޮތް ވަޒަންކޮށް، ކުރިއަށް ދިއުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށް ކިނާނަތު ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ކުދިންނަށް އޮންލައިންކޮށް ދިމާވާ ނުރައްކާތަކާއި، ސައިބަރ ނުރައްކާތަކަކީ، މުޖުތަމަޢުގެ ހުރިހާ ފަށަލައަކަށްވެސް ނުރައްކާ ކުރާ އެންމެ ބޮޑެތި ސަލާމަތީ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ކިނާނަތު ވިދާޅުވިއެވެ.
ކޮންމެ 39 ސިކުންތަކުން ދުނިޔޭގައި އަލަށް ސައިބަރ ހަމަލާއެއް ދޭ. ދުވާލަކު 2،200 ހަމަލާ. ޓެކްނޮލޮޖީއަށް އަޅުގަނޑުމެން ބަރޯސާވެފައިވާ މިންވަރު ބޮޑުވުމުގެ ސަބަބުން، އިތުރަށް މޮޅު ސައިބަރ ހަމަލާތަކުން އަޅުގަނޑުމެން އެންމެންނަށް ވެސް ނުރައްކާ އެބަކުރޭ.
ޑރ. ކިނާނަތު ވިދާޅުވިއެވެ.
މިއަދު ފެށި މި ޕްރޮގްރާމަކީ ނޭޝަނަލް ސައިބަރ ސެކުރިޓީ އެޖެންސީއާއި، ނެޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެެކެވެ. މި ތަމްރީން ޕްރޮގްރާމްގައި ޤައުމީ ސައިބަރ ރެޒިލިއެންސްއާއި، ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ބިނާކުރުމާއި، ޤައުމީ ކޮމްޕިއުޓަރ އިންސިޑެންޓް ރެސްޕޮންސް ޓީމްގެ ދައުރާއި، އޯޕަން-ސޯސް ޓޫލްސް ބޭނުން ކޮށްގެން ސީ.އައި.އާރު.ޓީ / އެސް.އޯ.ސީ ބިނާކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ސައިބަރ ތްރެޓް އިންޓެލިޖެންސް ޑިޒައިން ކުރުމާއި، ކުދިން އޮންލައިންކޮށް ރައްކާތެރި ކުރުމާއި ގުޅޭގޮތުން ވެސް މި ޕްރޮގްރާމްތަކުގެ ތެރޭގައި މަޢުލޫމާތާއި ތަމްރީނު ދިނުމަށް ހަމަޖެހިފައިވާއިރު، 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވާނެއެވެ.