ކުޅިވަރު
ރާއްޖޭގެ ފިރިހެން ޓެނިސް ޓީމު 10 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި
ރާއްޖޭގެ ފިރިހެން ޓެނިސް ޓީމް---
ފަރުދުން
09 ޑިސެމްބަރު 2025، 07:25
09 ޑިސެމްބަރު 2025، 07:25
ރާއްޖޭގެ ފިރިހެން ޓެނިސް ޓީމު ދުނިޔޭގެ ރޭންކިންގައި 10 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
އެގޮތުން މީގެ ކުރިން ދުނިޔޭގެ ރޭންކިންގައި 151ވަނައިގައި އޮތުމަށްފަހު ރާއްޖެ ވަނީ 141ވަނައަށް ކުރިޔަށް ޖެހިލައިފައެވެ.
ރާއްޖޭގެ ޓީމު ރޭންކިންގައި މައްޗަށް ޖެހިލާފައި މިވަނީ، މިފަހުން ބޭއްވި ޑޭވިސް ކަޕްގައި ދެއްކި މޮޅުކުޅުމުންނެވެ. އެގޮތުން ރާއްޖެއިން ވަނީ އޭޝިއާ/އޯޝޭނިއާ ގުރޫޕް ފަހެއްގެ އެއްވަނަ ހޯދާފައެވެ. އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ޢަބުދުالله ފާއިހް ފަޒީލް، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދު އަދި އާދަމް އާލް ނިޔާޒެވެ.
ޑޭވިސްކަޕްގައި ރާއްޖެއިން ވަނީ ޕްރޮމޯޝަން ޕްލޭ އޮފްއަށް ދަތުރުކޮށްފައެވެ. ނަމަވެސް އެ މެޗުގައި ގުރޫޕް އޭގެ ޗެމްޕިއަން ނޮދަން މެރިއާނާ އައިލެންޑްސްއާ ބައްދަލުކުރި މެޗުން ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ. އެހެންނަމަވެސް މިއީ ޓެނިސް ވޯލްޑް ކަޕްގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
މީގެ ކުރީ އަހަރުތަކުގައި ގުރޫޕުގެ އެއްވަނައާ ހަމައަށް ނުދެވުނަސް މި އަހަރު ކުޅުންތެރިން މި ހޯދި ކާމިޔާބީއަކީ ޓެނިސް ކުރިއަރަމުން އަންނަކަމުގެ ހެއްކެއްކަމަށް ޓެނިސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިހާރު އޮތީ އިޓަލީއެވެ. ދެވަނައިގައި ޖާރމަނީ އަދި ތިންވަނައިގައި އޮތީ ސްޕެއިންއެވެ. ޖާރމަނީ ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ. ސްޕެއިން ވަނީ 7 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ. ދުނިޔޭގެ ރޭންކިންގައި މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ 21 ދަރަޖަ ކުރިއަށް ޖެހިލާ ރޭންކިންގެ 121 ވަނަ މަގާމު ހޯދި ތުރުކުމެނިސްތާނެއެވެ.