ދުނިޔެ
ލަންކާގެ 147 ސްކޫލެއް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބަންދުކޮށްފި
ލަންކާގެ ސްކޫލެއް ބަންދުކޮށްފައި/ފޮޓޯ: ގޫގްލް
ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން (ޑިޓްވާ) އާއި ގުޅިގެން އެ ޤައުމުގައި ބަންދުކުރި 147 ސްކޫލެއް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބަންދުގެ މުއްދަތު އިތުރު ހަފްތާއަކަށް ދަންމާލުމަށް ނިންމައިފިއެވެ.
ލަންކާއަށް މިިދިޔަ މަހުގެ ފަހުކޮޅު އެރި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، އެ ޤައުމަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން، އެ ޤައުމުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވިިއިރު، ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބައެއް ދިރިއުޅެމުން ދިޔަ ގެތައް ވަނީ ބިމާ ހަމަވެފައެވެ. މިކަމާއި ގުޅިގެން ލަންކާގެ ބައެއް ސްކޫލްތައް ކުރިއަށް އޮތް ހަފްތާއައަށްވެސް ބަންދު ކުރަން އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ 147 ސްކޫލެއް ޑިސެމްބަރު 15 އާއި ހަމައަށް ބަންދުކުރުމަށް ނިންމާފައިވާކަން އެޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ރަސްމީކޮށް އަންގާފައެވެ. މީގެ އިތުރުން، އެ ޤައުމުގެ މި އަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިޙާނު ބާއްވާ ތާރީޚި އަންނަ އަހަަރަށް ފަސްކޮށްފައިވާއިރު، އޭ ލެވެލް އިމްތިޙާން އަންނަ ޖެނުއަރީ 12-20 އަށް ބާއްވަން ވަނީ ނިންމާފައެވެ. އަދި އޯ ލެވެލް އިމްތިޙާން ބާއްވަން ޝެޑިއުލް ކޮށްފައި ވަނީ އަންނަ ފެބްރުއަރީ 14 އިން މާރިޗް 2 އާއި ހަމައަށެވެ.
ތޫފާން ޑިޓްވާގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މި ގެއްލުންތަކުން އަރައިގަތުމަށް އެޤައުމުން ދަނީ މިހާރު މަސައްކަތްކުރަމުންނެވެ.