ދުނިޔެ
ޖައްވުގެ ތެރެއަށް ދޫކޮށްލި "ބެލޫން"ތަކަކާ ގުޅިގެން ލިތުއޭނިއާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ލިތުއޭނިއާ އާއި ބެލަރޫސް ގުޅޭ ބޯޑަރު ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ---
ބެލަރޫސްއިން ލިތުއޭނިއާގެ ޖައްވުގެ ތެރެއަށް ދޫކޮށްލި "މީޓިއޮރޮލޮގިކަލް ބެލޫން"ތަކަކާ ގުޅިގެން އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު އިޢުލާންކޮށްފިއެވެ.
ލިތުއޭނިއާގެ ބޮޑުވަޒީރު، އިންގާ ރުޖިނިއޭން އެ ޤައުމުގައި ކުއްލި ނުރައްކައްލުގެ ހާލަތު އިޢުލާންކޮށްފައިމިވަނީ، އަވަށްޓެރި ބެލަރޫސްއާ މަޝްރަޙު ހޫނުވެފައި އޮތް ދަނޑިވަޅެއްގައި، މިއީ ބެލަރޫސްގެ ދިފާއީ ބާރުތަކުގެ ޢަމަލެއްކަމަށް ތުހުމަތުކޮށްގެންނެވެ.
ކަން މިހެން އޮތްއިރު، މީގެ ކުރިން މިފަދަ "ބެލޫން"ތަކެއް ބޭނުންކޮށްގެން ލިތުއޭނިއާއަށް ވަނީ ވަގަށް ސިނގިރޭޓު ވެސް އެތެރެކޮށްފައެވެ.
ލިތުއޭނިއާއިން ސިފަކުރަނީ، މިއީ ރަޝިއާއާ ގާތް ގުޅުމެއް އޮންނަ ބެލަރޫސްއިން އެ ޤައުމަށް އަމާޒުކުރި "ހައިބްރިޑް އެޓޭކް"އެއްގެ ގޮތުގައެވެ. މިފަދަ ހަމަލާތަކަކީ އެއް ގޮތަށް ވުރެ ގިނަ ގޮތް ގޮތުން އެހެން ޤައުމެއް ބަލިކަށިކޮށްލުމަށް ދެވޭ ހަމަލާތަކެކެވެ. އެގޮތުން، ބެލަރޫސްއިން ވަނީ ލިތުއޭނިއާގެ ވައިގެ ތެރެއަށް މީގެ ކުރިން ވެސް "ބެލޫން"ތަކެއް ދޫކޮށްލައި، އެ ޤައުމުގެ ވައިގެ ސަރަޙައްދު ބަންދުކުރުމަށް މަޖުބޫރުކޮށްފައެވެ.
"ބެލޫން"ތަކާ ގުޅިގެން ވައިގެ ސަރަޙައްދު ބަންދުކުރަން ޖެހެނީ، އެ ތަކެތި ދަތުރުކުރަނީ ކޮމާޝަލް މަތިންދާބޯޓުތައް ދަތުރުކުރާ އުސްމިނުން ކަމުގައި ވުމުން، އެކަމުގެ ސަބަބުން އެކްސިޑެންޓެއް ހިނގައިފާނެތީއެވެ.
ލިތުއޭނިއާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން، އެ ޤައުމުގެ ބޯޑަރު ތަކުގައި މިހާރު އަންނަނީ ސިފައިން ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން، އެ ޤައުމުން ވަނީ މިކަމާ ގުޅޭ ތަޙުޤީޤެއް ވެސް ފަށާފައެވެ.
ލިތުއޭނިއާގައި 2021ގައި ވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި ވެއެވެ. އެ ފަހަރު އެ ޤައުމުގެ ބޮޑުވަޒީރު އެފަދަ ނިންމެވުމެއް ނިންމެވީ، ބެލަރޫސް ބޯޑަރު ހުރަސްކޮށް ކުއްލިއަކަށްގިނަ އަދަދަކަށް މީހުން ހިޖުރަކުރން ފެށުމުން އެއީ ވެސް "ހައިބްރިޑް އެޓޭކެއް" ކަމުގައި ތުހުމަތުކޮށްގެންނެވެ.
ލިތުއޭނިއާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ބެލަރޫސްގެ މިފަދަ ކަންތައްތަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު ފެށިގެން 60 ގަޑިއިރަށް އެއާރޕޯޓު ބަންދުކުރަން ޖެހިފައިވެއެވެ. މިކަމުގެ ސަބަބުން 350 ފްލައިޓް އޮޕަރޭޝަނަށް ހުރަސްއެޅި، 51،000 ފަސިންޖަރުންނަށް ވަނީ ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ.