ދުނިޔެ

އީރާން ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕް، ޗައިނާއާއި ރަޝިއާގެ ލީޑަރުންނާ މަޝްވަރާކުރަނީ

އީރާން ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕް، ޗައިނާއާއި ރަޝިއާގެ ލީޑަރުންނާ މަޝްވަރާކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ގެޓީ އިމެޖަސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ނޮވެމްބަރު 2026، 09:49

09 ނޮވެމްބަރު 2026، 09:49

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި، ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިންއާ މަޝްވަރާކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޗައިނާގެ ޝެންޒެންގައި އަންނަ ހަފުތާގައި ބާއްވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓްގެ ހަވާސާގައި، ދެ ލީޑަރުންނާ ވެސް ބައްދަލުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުންޏެވެ.

" އެއް ބައްދަލުވުމަކަށް ވާނީ ރައީސް ޕޫޓިން އަދި ރައީސް ޝީއާ އެކު ބާއްވާ ބައްދަލުވުން. އެއީ ވަރަށް ޝައުގުވެރި ބައްދަލުވުމަކަށް ވާނެ. ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ގުޅޭގޮތުންނާއި، އެ ނޫން ވެސް ގިނަ ކަންތައްތަކަކާ ބެހޭގޮތުން އަޅުގަނޑުމެން ވާހަކަދައްކާނަން،" ޓްރަމްޕް ބުންޏެވެ. "މި މަސައްކަތްކުރަނީ އީރާނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އަދި އެ މަސައްކަތް ދަނީ ވަރަށް ރަނގަޅަށް."

އީރާނަށް އެއްގަމު މަގުން ސާމާނު އެތެރެކުރާ މަގުތައް ހުއްޓުވުމުގެ ބޭނުމުގައި އެމެރިކާއިން ކުރިއަށްގެންދާ "އޮޕަރޭޝަން އަޔަން ގޭޓް" އަށް މިހާރު އަމަލުކުރަން ފަށާފައިވާކަން ވެސް ޓްރަމްޕް ފާހަގަކުރިއެވެ. އަދި އޭގެ ސަބަބުން އެއްގަމު މަގުން އެއްވެސް އެއްޗެއް އީރާނަށް އެތެރެނުވާނެ ކަމަށާއި، ކަނޑުގެ މަގުތައް ބަންދުކޮށްފައި އޮތުމުން ކަނޑުމަގުން ވެސް އެއްވެސް މުދަލެއް އެތެރެނުކުރެވޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.

އަހަރަކު އެއްފަހަރު ލީޑަރުންގެ ބައްދަލުވުން ބާއްވާ އޭޕެކަކީ 1989 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ. އޮސްޓްރޭލިއާ، ކެނެޑާ، ޖަޕާން، ޗައިނާ، ރަޝިއާ އަދި އެމެރިކާ ހިމެނޭހެން ދުނިޔޭގެ 21 ގައުމެއް މި ޖަމާއަތުގައި ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450