ދުނިޔެ
އަލުން ހަމަލާއެއް ދީފިނަމަ ނަތީޖާ ވަރަށް ނުރައްކާވާނެ: އީރާން
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ--
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަލުން ހަމަލާއެއް ދީފިނަމަ އޭގެ ނަތީޖާ ވަރަށް ނުރައްކާތެރިވާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ
ތެހެރާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، އީރާނުގެ ވެރިކަން ބަދަލުކުރުމަށް އިސްރާއީލުން ކުރާ އުންމީދުތަކުގެ ފަހަތުން އެމެރިކާއިން ހިނގައިގެން ނުވާނެ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ ނުކުމެދާނެ ނުރައްކާތެރި ނަތީޖާތަކާއި ކުރިމަތިވެދާނެ ގެއްލުންތަކުގެ ބޮޑުމިން އެމެރިކާ ސަރުކާރަށް ވިސްނެންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި އެއްކޮށް އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި ދެ ދުވަހުގެ ހުށަހެޅުމަކީ މި މައްސަލައަށް އެންމެ އެކަށީގެންވާ އަމަލީ މަގުޗާޓެވެ. މި ހުށަހެޅުމުން ދައްކުވައިދެނީ ހޮރުމުޒް ކަނޑުއޮޅިއާއި ފާރިސީ ކަނޑުއޮޅީގެ ހަމަޖެހުމާއި ސަލާމަތުގެ ތަޅުދަނޑި އޮތީ ތެހެރާންގެ އަތްމަތީގައި ކަން ކަމަށާއި، މި ސަރަހައްދުގައި ކުރިއެރުމެއް ހޯދުން ބިނާވެފައިވަނީ އެމެރިކާއިން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނާއެކު އެއްގަމުމަގުން ކުރާ ވިޔަފާރި ހުއްޓުވުމަށް އެމެރިކާއިން އަލަށް އެކުލަވާލި "ޓާސްކް ފޯސް އަޔަން ގޭޓް" އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަޤާއީ ވިދާޅުވީ، މިއީ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ނަތީޖާއިން ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރާ ކަމެއް ކަމަށެވެ.
އެމެރިކާގެ މި ފިޔަވަޅަކީ އީރާނުގެ ބަނދަރުތަކުގެ އިތުރުން އެއްގަމު ބޯޑަރުތަކާއި ކެސްޕިއަން ކަނޑު ހިމެނޭހެން އަޅާފައިވާ ހުރަހެކެވެ. އީރާނުން އަފްޣާނިސްތާން، އަރމީނިއާ، އަޒަރުބައިޖާން، އިރާޤު، ޕާކިސްތާން، ތުރުކީ އަދި ތުރުކުމެނިސްތާނާއެކު ބޯޑަރު ހިއްސާކުރާއިރު، މި ޓާސްކްފޯސް ހިންގުމަށް ހަމަޖެހިފައިވަނީ މަދަނީ އަދި އަސްކަރީ 20 މުވައްޒަފުންނެވެ.
އެމެރިކާގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވާލައްވަމުން ތަރުޖަމާނު ވިދާޅުވީ، އީރާނަށް ބަލާއިރު އެމެރިކާގެ ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. ވޭތުވެދިޔަ ހަ ދަހަރުގެ ތާރީޚުންވެސް ދައްކަނީ ދެ ފެކްޝަނުންވެސް މެދުކެނޑުމެއްނެތި އީރާނާ ދެކޮޅުވެރިކަން ދަމަހައްޓަމުން އައިސްފައިވާ ކަމެވެ. އިސްރާއީލުގެ ސިޔާސަތުތަކަށް ތަބާވެ އީރާނާ ދެކޮޅަށް އަސްކަރީ އުދުވާން ހިންގުމަކީ ސަރަހައްދީ ސަލާމަތާއި ދުނިޔޭގެ އިޤްތިޞާދު މުގުރާލުމުގެ އިތުރުން، އަމިއްލައަށް އެމެރިކާގެ މުޖުތަމައަށާއި އިދާރާތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމެއް ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.