ދުނިޔެ

އީރާނުގެ އެއްގަމު ސަޕްލައި މަގުތައް ބަންދުކުރުމަށް އެމެރިކާއިން ޚާއްޞަ ޓާސްކް ފޯހެއް އެކުލަވާލައިފި

އީރާނުގެ އެއްގަމު ސަޕްލައި މަގުތައް ބަންދުކުރުމަށް އެމެރިކާއިން ޚާއްޞަ ޓާސްކް ފޯހެއް އެކުލަވާލައިފި

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ނޮވެމްބަރު 2026، 01:59

08 ނޮވެމްބަރު 2026، 01:59

އީރާނުގެ އެއްގަމު ސަޕްލައި މަގުތައް ހުއްޓުވުމަށް ޚާއްޞަ އާ ޓާސްކް ފޯހެއް އެކުލަވާލައި، ހޮރްމުޒް ކަނޑުއޮޅީގައި ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޮނިހިރު ދުވަހު އިޢުލާނުކޮށްފިއެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ ސެންޓްކޮމް އިން ބުނީ "ޓާސްކް ފޯސް އަޔަން ގޭޓް" ގެ ނަމުގައި އެކުލަވާލި މި ޓާސްކް ފޯހުގެ މައިގަނޑު ބޭނުމަކީ ކުރިއަރާފައިވާ ހަތިޔާރާއި އެހެނިހެން ތަކެތި އީރާނުން އެއްގަމު މަގުން އުފުލުން ހުއްޓުވުން ކަމަށެވެ. މި ޓާސްކް ފޯހުގެ ސަބަބުން ކަނޑުމަގުން އީރާނާ ދެކޮޅަށް އަޅާފައިވާ ވަރުގަދަ ބްލޮކޭޑް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ ވިދާޅުވިއެވެ.

ފްލޮރިޑާގެ ޓެމްޕާގައި މަރުކަޒުވެގެން ހަރަކާތްތެރިވާ މި ޓާސްކް ފޯހުން އެމެރިކާ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނީ، އީރާނުގެ އެއްގަމު ބޯޑަރުތަކާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ހަތިޔާރު އެތެރެކުރުމާއި، ދެ ބޭނުމަކަށް ބޭނުންކުރެވޭ ޓެކްނޮލޮޖީ އަދި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެއްޗާއި ޤަވާޢިދާ ޚިލާފު މާލީ ވަސީލަތްތައް ދައުރުވުން ހުއްޓުވުމަށެވެ.

މެދުއިރުމައްޗާ ބެހޭ އެމެރިކާގެ ކުރީގެ ޑެޕިއުޓީ އެސިސްޓެންޓް ޑިފެންސް ސެކްރެޓަރީ މައިކަލް މަލްރޯއި އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، މި ޓާސްކް ފޯހުގެ ދައުރަކަށް ވާނީ ހަތިޔާރު އެތެރެވާ ދޮރުތައް ދެނެގަނެ އެކަން ހުއްޓުވޭނެ ގޮތްތައް ހޯދުމާއި، އީރާނުން ހަކަތަ ބޭރުކުރާ ގޮތްތައް ދެނެގަތުމެވެ. އަދި ހަނގުރާމަ ވަރުގަދަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފިނަމަ، މިފަދަ އިޤްތިޞާދީ އަދި އިންފްރާސްޓްރަކްޗަރ އަމާޒުތަކަށް ހަމަލާދިނުމުގެ ފުރުޞަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޮމާން ކަނޑުގައި ދަތުރުކުރި ވިޔަފާރި މުދާ އުފުލާ އުޅަނދެއް ކަމަށްވާ ސެއިންޓް ކިޓްސްގެ ދިދަ ޖަހާފައިވާ "އެމް/ވީ ހުދާ" ގެ ބަނޑުފިލާ ފަޅިއަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން މިސައިލް ހަމަލާދީ ހުއްޓުވާފައިވާ ކަމަށްވެސް ސެންޓްކޮމް އިން ބުންޏެވެ. މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް ޤަވާޢިދަށް އަމަލުކުރި 147 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފައިވާއިރު، އަމުރަށް ނުކިޔަމަންތެރިވި ފަސް އުޅަނދަކަށް ހަމަލާދީ ހުއްޓުވާފައިވާ ކަމަށްވެސް އެމެރިކާ އަސްކަރިއްޔާއިން ހާމަކުރެއެވެ.

ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ ޤެޝްމް އައިލެންޑްގެ އިތުރުން ޖާސްކް، ސިރިކް އަދި ބަންދަރު އައްބާސްގައި ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިރްނާ (IRNA) އިން ވަނީ ރިޕޯޓްކޮށްފައެވެ. ރައީސް ޓްރަމްޕް ވަނީ ޤެޝްމް އައިލެންޑަށް ދިން ހަމަލާތައް ކަށަވަރުކޮށްދެއްވައި، އެއީ ކުދި ހަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ޤަޠަރު މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކާއެކު ތެހެރާނުން އަދިވެސް އެއްބަސްވުމަކަށް ދާން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މި ހަމަނުޖެހުންތަކާ ދިމާކޮށް، ހޮރްމުޒް ކަނޑުއޮޅީގެ ނުރައްކާތެރި ސަރަޙައްދަކުން ނެވިގޭޝަން ސިސްޓަމް ނިއްވާލައިގެން ދަތުރުކުރި ތެޔޮ އުފުލާ ދެ ޓޭންކަރެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި، ބޮޑެތި ގެއްލުންތަކެއް ލިބިގެން ހުއްޓިފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކަނޑުގެ ސިފައިންނާ ޙަވާލާދީ އެ ޤައުމުގެ ދައުލަތުގެ ޓީވީން ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450