ދުނިޔެ
ޣައްޒާގައި ފެންބޮޑުވެ، އެތައް ހާސް ބަޔަކު ހިޔާވަހިކަމެއް ނެތި ހާލުގައި ޖެހިއްޖެ
ފެންބޮޑުވެފައިވާ ޣައްޒާ
ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ގެދޮރު ގެއްލިފައިވާ އެތައް ހާސް ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދިޔަ ވަގުތީ ޓެންޓުތަކާއި ހިޔާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފާއިތުވި ހުކުރު ދުވަހުގެ ރެއިން ފެށިގެން ކުރި ވިއްސާރައިގައި ގަދަ ވަޔާއެކު ފެންބޮޑުވެ، 70,000 އެއްހާ ޓެންޓުގައި ފެންބޮޑުވެ، އެތައް ފާރެއް ވެއްޓިފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ހާމަކޮށްފައެވެ.
މި ވިއްސާރައިގެ ސަބަބުން އެތައް އާއިލާއެއްގެ ގޮދަޑިތަކާއި ހެދުންތައް ތެމި ބޭނުންނުކުރެވޭ ވަރު ވެފައިވާއިރު، ގެދޮރު ގެއްލިފައިވާ ގާތްގަނޑަކަށް 400,000 މީހުން ދިރިއުޅެމުން ދަނީ ކުރިއަށް އޮތް ތަނުގައިވެސް ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަހައްދުތަކުގައެވެ. ދެއިރުލްބަލަހުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އެއްވެސް ކާބޯތަކެތީގެ އެހީއެއް ލިބިފައި ނުވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޔުނިސެފުން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ޖޮނަތަން ވީޗް ވިދާޅުވީ ގިނަ ރައްޔިތުން ދިރިއުޅެމުންދަނީ ނުހަނު ދަތި ހާލުގައި ކަމަށާއި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފަންޑު ބޭނުންވާ ކަމަށެވެ. ޣައްޒާގެ މީޑިއާ އޮފީހުން ލަފާކުރާ ގޮތުގައި މި ތޫފާނުގެ ސަބަބުން 3 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވަނީ ވެފައެވެ.
މި ހާދިސާއާ ގުޅިގެން ޣައްޒާގެ ސިވިލް ޑިފެންސަށް އެހީތެރިކަމަށް އެދި 1,500 އަށް ވުރެ ގިނަ ކޯލު ލިބިފައިވެއެވެ. އަދި 2,000 އަށް ވުރެ ގިނަ އިމާރާތް ވެއްޓުމުގެ ނުރައްކާ އޮތް އިރު، މޫސުމީ ހާލަތުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ރައްކާތެރި ހިޔާވަހިކަމެއް ހޯދައިދިނުމަށް މަދުވެގެން 300,000 ޓެންޓު ބޭނުންވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން އެ ސަރަހައްދުގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ސުންނާފަތިވެފައިވާއިރު، އެހީގެ ސާމާނާއި ހިޔާވަހިކަމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. 2023 އޮކްޓޯބަރު 7 ގައި އިސްރާއީލުން ފެށި ހަނގުރާމައިގައި މިހާތަނަށް 74,640 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 2025 އޮކްޓޯބަރުގައި އަމަލުކުރަން ފެށި "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް" ފަހު ވެސް އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 1,610 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.