ދުނިޔެ
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް: 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް
ބިންހެލުމާއި ގުޅިގެން ޖަޕާނުގައި އެމްބިއުލާންސްތައް ހަރަކާތްތެރި ވަނީ. ފޮޓޯ: ގެޓީ އިމޭޖަސް
ޖަޕާނަށް އާދީއްތަ ދުވަހުގެ ފަތިހު އައި ބާރުގަދަ ބިންހެލުމެއްގައި 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، ޢިމާރާތްތަކަށާއި ވިޔަފާރިތަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީން މަޢުލޫމާތު ދޭ ގޮތުގައި ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުމިނުގައި މި ބިންހެލުން އެ ގައުމަށް އައިސްފައި ވަނީ ފަތިހު 1:04 ގައެވެ. މި ބިންހެލުން އުފެދިފައި ވަނީ ހުޅަނގު ޝިޒުއޯކާ ޕްރިފެކްޗަރގެ ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) އަޑިންނެވެ.
ކަމާބެހޭ އިދާރާތަކާ ޙަވާލާދީ ކިޔޯޑޯ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި މީހުން ޒަޚަމްވެފައި ވަނީ އައިޗީ އަދި ޝިޒުއޯކާ ޕްރިފެކްޗަރއިންނެވެ. ބިންހެލުމާއެކު މީހުން ބިރުން ޢިމާރާތްތަކުން ބޭރަށް ދުވެފައިވާއިރު، އަނިޔާވި ބައެއް މީހުން ޒަޚަމްވެފައި ވަނީ ސަލާމަތްވާން ދުވުމުގެ ތެރޭގައި ސިޑިމަތިން ވެއްޓިގެން ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެއެވެ.
މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ.
މި ބިންހެލުމުގެ އަސަރު އައިޗީ ޕްރިފެކްޗަރ ކައިރީގެ ބޮޑު ސަރަޙައްދަކަށް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ހަމަމަޓްސޫ ސިޓީއާއި، ކުރީގެ ވެރިރަށްތައް ކަމަށްވާ ކިޔޯޓޯއާއި ނާރާގެ އިތުރުން ފޫޖީ ފަރުބަދަ ހިމެނޭ ޔަމަނާޝީ އަދި ގިފޫ ޕްރިފެކްޗަރ ހިމެނެއެވެ. އެހެން ނަމަވެސް ބިންހެލުމުގެ މަރުކަޒާ ދުރުގައި އޮތް ވެރިރަށް ޓޯކިޔޯއަށް މި ލޮޅުންތަކުގެ އަސަރުކޮށްފައެއް ނުވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ބައެއް ރޭލު ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، އަސަރުކުރި ސަރަޙައްދުތަކުގައި "ޝިންކަންސެން" ބުލެޓް ރޭލުތަކުގެ ސްޕީޑް ވަނީ ދަށްކޮށްފައެވެ. ރޭލު އޮޕަރޭޓަރު ޖޭއާރް ސެންޓްރަލްއިން ހާމަކުރި ގޮތުގައި، ސަލާމަތީ ބެލުންތަކަށްފަހު ޓޯކައިޑޯ ޝިންކަންސެން ލައިނުގެ ރޭލުތަކަށް ޝިޒުއޯކާއާއި ގިފޫ-ހާޝިމާ ސްޓޭޝަނާ ދެމެދު ބޮޑެތި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ކުރިއަށް އޮތް ހަފުތާގައި، ޚާއްޞަކޮށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުރު ބާރުގަދަ ބިންހެލުންތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަލައި ސަމާލުވެ ތިބުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އާންމުންނަށް އިންޒާރު ދީފައެވެ.
އެ އިދާރާގެ އޮފިޝަލެއް ކަމަށްވާ އަޔާތަކާ އެބިތާ ވިދާޅުވީ، ކުންޏާއި ކިސަޑު ފައިބައިގަތުމާއި، ގަލާއި ހިލަ ވެއްޓުމުގެ އިތުރުން ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.