ދުނިޔެ
ސީރިއާގެ ދިމިޝްގުގެ ޢަސްކަރީ އެއާޕޯޓު ކައިރިއަށް ބޮމުގެ ހަމަލާއެއް ދީފި
ސީރިއާގެ ދިމިޝްގުގެ ޢަސްކަރީ އެއާޕޯޓުގެ މަތިން ސީރިއާގެ ޢަސްކަރީ ހެލިކޮޕްޓަރުތައް އުދުހެނީ
ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ މައްޒާ ޢަސްކަރީ އެއާޕޯޓު ކައިރިއަށް، ކޮން ބައެއްކަން ނޭނގޭ ބަޔަކު ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހުގެ ރޭ ރިޕޯޓުކޮށްފިއެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން ސަލާމަތީ ފަރާތްތަކުން ވަނީ އެ ސަރަހައްދަށް ގޮސް، ހަމަލާ ދިން ފަރާތް ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ސީރިއާގެ ދައުލަތުގެ ނިއުސް އެޖެންސީ (ސާނާ) އިން ޢަސްކަރީ މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެއާޕޯޓު ކައިރިއަށް ތިން ބޮމުގެ ބަޑި ވެއްޓިފައި ވިޔަސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މާލީ ގޮތުން ވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް އެ އެޖެންސީން ބުނެއެވެ.
ދައުލަތުގެ ޓީވީ ޗެނަލް އަލް އިޚްބާރިއްޔާ އިން ވެސް ވަނީ މައްޒާ އެއާޕޯޓު ކައިރިއަށް ނޭނގޭ ބޮމުގެ ބައިތަކެއް ވެއްޓުނުކަން ކަށަވަރުކޮށްދީފައެވެ. މީގެ ކުރިން ބައެއް ރިޕޯޓުތައް ބުނެފައި ވަނީ އެ ސަރަހައްދުން ގޮވުންތަކެއްގެ އަޑު އިވުނު ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި މިހާތަނަށް ނަގާފައެއް ނުވެއެވެ. އަދި ހަމަލާ ދިނުމުގެ މަޤްޞަދާ ބެހޭ ގޮތުން ނުވަތަ އެއާޕޯޓަކީ ހަމަލާގެ އަމާޒުތޯއާ ބެހޭ އިތުރު ތަފްސީލެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ދިމިޝްގުގެ ހުޅަނގު ފަރާތުގައި، ދެކުނު ސީރިއާއަށް ދާ މަގުތަކާ ކައިރީގައި ހުންނަ މައްޒާ އަސްކަރީ އެއާޕޯޓަކީ ސީރިއާގެ ސްޓްރެޓީޖިކް މުހިއްމު ތަނެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ.
މި ހާދިސާ ހިނގާފައި މިވަނީ، އެމެރިކާއިން ދިމިޝްގުގައި ހުންނަ އެއާބޭސްއެއްގައި ޢަސްކަރީ ބާރެއް ޤާއިމުކުރުމުގެ ޕްލޭންތަކެއް ދިރާސާ ކުރަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރިތާ ހަފްތާތަކެއް ފަހުންނެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ، އެއާޕޯޓުގެ ޖިއޮގްރަފީއަކީ މުސްތަޤްބަލުގައި ޑިމިލިޓަރައިޒްޑް ޒޯނެއްގެ ބައެއްގެ ގޮތުގައި ވާހަކަ ދެކެވެމުންދާ ސަރަހައްދުތަކަށް ވަނުމުގެ ދޮރަކަށް ވެދާނެ ކަމަށެވެ. ސީރިއާގެ ޚާރިޖީ ވުޒާރާއިން އެވަގުތު އެ ރިޕޯޓު ދޮގުކޮށް، އެއީ "ދޮގު" ޚަބަރެއް ކަމަށް ބުނި ނަމަވެސް، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިޒްރޭލާއި ސީރިއާގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ސަލާމަތީ އެއްބަސްވުމަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއިން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. ސީރިއާއިން އުންމީދު ކުރަނީ މި މަޝްވަރާތަކުގެ ސަބަބުން އިޒްރޭލުން އެންމެ ފަހުން ހިފާފައިވާ ސަރަހައްދުތަކާ ބެހޭ ގޮތުން ހައްލެއް ލިބޭނެ ކަމަށެވެ.